މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެއްވުމުގެ ބިލުކަމުގައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލަކީ މިއަހަރުގެ އެޕްރީލް މަހުގެ 29 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 31 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލު މަޖިލީހުން ފާސްކުރެއްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ވޯޓުންނެވެ.
ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020 ގައި ބަޔާންކޮށްފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ބާއްވަންވާނެކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ ރާއްޖޭގައި މިހާރު އޮތް އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލިކަން އެކަމާއި ގުޅޭ އިދާރާއަކުން އިޢުލާންކުރުމުންކަމަށާ، އިންތިޚާބު ބޭއްވޭނެކަން އިޢުލަންކުރަންވާނީ 12 މާރޗްގައި އިޢުލާންކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައުމަށްފަހު، އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމުގައި ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައެޅުމަށްފަހުގައެވެ.
އަދި އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުން އެންމެ ރަނގަޅު ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައަޅާތާ ހަތް ދުވަހުގެ ތެރޭގައި، އިންތިޚާބާގުޅޭ މަސައްކަތްތައް ރަސްމީކޮށް ފަށާނެ ތާރީޚަކާއި، އިންތިޚާބު އަލުން ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރަންވާނެކަމަށްވެސް މަޖިލީހުން ފާސްކުރި ބިލުގައިވެއެވެ.
އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަދަލެއް ނުގެނެވޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމާއެކު އެމީހުން ކުރިން ތިބި މަޤާމަށް ރުޖޫއަވާނެކަމަށްވެސް ފާސްކުރި ބިލުގައިވެއެވެ. އަދި މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އެ މުވައްޒަފުން ސިވިލް ސަރވިސްގެ ވަޒީފާއަށް ރުޖޫޢަވާ ހިސާބުން ފެށިގެން އެމީހުން އަލުން ސަސްޕެންޑްކުރެވެންދެން، އިންތިޚާބާ ގުޅޭގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ޙަރަކާތެއް އެމީހުން ކުރިއަށްގެންގޮސްގެންނުވާނެކަމަށްވެސް ބުނެފައިވެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ފަސްކުރެވުނީއެވެ.
އަދި ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރެވުމާއެކު، އެ އިންތިޚާބުގެ ބޭނުމަށްޓަކައި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނުމުގައި ބަލާނީ، އެ އިންތިޚާބު ބޭއްވުމަށް، މި މާއްދާގެ (ށ) ގެ ދަށުން އަލުން ކަނޑައަޅާ ތާރީޚަށެވެ.
ހުސްވި އޭޕްރިލް މަހުގެ 13 ވަނަ ދުވަހު އިލެކްޝަންސް ކޮމިސަން (އީސީ) އިން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގައި ބަޔާންކުރާ މުއްދަތުގައި އިންތިޚާބު ބޭއްވެން ނެތްކަމަށް ކަނޑައަޅައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!