ރަށްރަށުގައި ގާއިމްކުރާ ކަރަންޓީނު ފެސިލީޓަކުގައި ޖާގަ އޮތް މިންވަރަކުން މީހުން ފޮނުވަން ކަރުކާރުން ނިންމާފައިވާނިންމުން ބަދަލުކޮށް އެކަން ނުކުރާނެ ކަމަށް ނިންމާ މާލެއިން މީހުނަށް ރަށްރަށަށް ދެވޭނީ ހަމައެކަނި ޓްރާންސިޓް ފެސިލިޓީއެއްގައި 14 ދުވަސް ފުރިހަމަ ކުރުމަށްފަހު، ޓެސްޓް ހަދައި ނަތީޖާ ލިބުމުންކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މި ގޮތަށް ނިންމީ ކުރިއަށް އޮތް ދެ ހަފުތާ މާލޭގައި ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ. ރޭ ހޯމް މިނިސްޓްރަ އިމްރާން އަބްދުއްﷲ ވެސް ވަނީ ރަށްރަށަށް މީހުން ފޮނުވުމުގެ އުސޫލު ބަދަލު ކުރަން ވިސްނާ ކަމަށް ބުނެފަ އެވެ.
މިރޭ އެންއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެންއީއޯސީގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މާލޭގައި ތާށިވެފައި ތިބި މީހުން ދެން ފޮނުވާނީ ހަމައެކަނި ޓްރާންސިޓް ކަރަންޓީނު ފެސިލީޓީތަކަށް ކަމަށާއި ޓްރާންސިޓް ފެސިލީޓަކުގެ ގޮތުގައި ރިސޯޓްތައް ކަނޑައަޅާފައިވާކަމަށެވެ.
މާލޭގައި ތިބި މީހުންގެ ތެރެއިން ބޯހިޔާވެހިކަން ގެއްލި، އަދި ކުލި ދެއްކޭނެ ގޮތް ނެތިފައިވާ މީހުންނަށް ޖެންޑާ މިނިސްޓްރީއިން ގެންދަނީ ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސައި ދެމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީ ވަގުތީ ބޯހިޔާވަހިކަން އިތުރު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ކައުންސިލްތައް މެދުވެރިކޮށް އެލްޖީއޭއިން އަންނަނީ ރަށްރަށަށް ދާން ބޭނުންވާ މީހުން ނަންނޯޓޫ ކުރަމުންނެވެ. ހުޅުވާލާފައިވާ މި ފުރުސަތު މިހާތަނަށް ބަންދު ކޮށްފައެއް ނުވެ އެވެ. މިހާރު ވެސް ގިނަ ބަޔަކު ނަން ނޯޓް ކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!