ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހދ. ކުމުންދޫ މޮނިޓަރިންގ ހާލަތުން ނަގައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުގެ ރޭ 21:49 ގައެވެ.

Ad
rt

އެރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި ސަބަބަކީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 12 މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ފަހު، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުން ކަމަށެވެ.

އެޗްޕީއޭއިން ކުމުންދޫ މޮނިޓަރިންގ ހާލަތުން ނަގާފައިވާ ކަން އެރަށަށް އަންގާފައި ވަނީ އިއްޔެއެވެ.

އެޗްޕީއޭއިން ކުމުންދޫ މޮނިޓަރިންގ ހާލަތުން ނެގިއިރު އެރަށަށް ށ. ނަރުދޫ އަމާޒު ބޯޓުން ދަތުރުކުރި 2 މީހުންގެ ނަތީޖާ ނެގެޓިވް ވެފައިވާކަމަށް ކުމުންދޫ ކައުންސިލުން ވަނީ އޭޕްރިލް މަހުގެ 29 ވަނަ ދުވަހު ހާމަ ކޮށްފައެވެ.

އަމާޒު ބޯޓުން ދަތުރު ކުރި 12 މީހެއް ވަނީ މިހާތަނަށް ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އެއީ ނަރުދޫ 11 މީހަކާއި، މިލަންދޫ މީހެކެވެ.

ރާއްޖެއިން ކޯވިޑަށް މިހާތަނަށް 557 މީހުން ޕޮޒިޓިވް ވެފައިވާއިރު އެބަލިން 17 މީހަކު ރަނގަޅުވެ، އެކަކު ވަނީ އެބަލީގައި ނިޔާވެފައެވެ.