ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ވެބްސައިޓް ހެކް ކުރުމަކީ ނާތަހުޒީބު ފިންޑި އަމަލެއް ކަމަށް ރާއްޖޭގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.

އެކަމާއި ގުޅިގެން މިނިސްޓަރު މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ނާޒުކު ދަނޑިވަޅުގައި އެޗްޕީއޭގެ ވެބްސައިޓް ހެކް ކުރުމަކީ ނާތަހުޒީބު ފިންޑި އަމަލެއް ކަމަށެވެ.

Ad
rt

އެކަން އެއްމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށާއި، ތަހުގީގީ އިދާރާތަކާއި ގުޅިގެން އެކަން ތަހުގީގު ކުރާނެ ކަމަށް މިނިސްޓަރު މަލީހް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މަލީޙް ވިދާޅުވީ އެކަން ފެށިގެން މިހާރު ކުރިޔަށް ދާ ކަމަށެވެ.

އިއްޔެ ވަނީ ބަޔަކު އެޗްޕީއޭގެ ވެބްސައިޓު ހެކްކޮށް ފައެވެ. އެ ވެބްސައިޓް ހެކްކޮށް، އެ ވެބްސައިޓް ހެކްކުރި މީހުން ވަނީ އެ ވެބްސައިޓަށް ވަންނައިރަށް ޔޫޓިއުބް ވީޑިއޯއެއް ފެންނަ ގޮތަށް ހަދާފައެވެ.

އެ ވީޑިއޯގައި މާސްކެއް އަޅައިގެން ހުންނަ މީހަކު ސަރުކާރަށް އިންޒާރުގެ މެސެޖެއް ދެއެވެ. ސަރުކާރަށް ފާޑު ކިޔަައި އެ މެސެޖުން އިންޒާރު ދީފައި ވަނީ ސަރުކާރުގެ ނެޓްވޯކްތައް ހެކްކޮށް، މައުލޫމާތުތައް ލީކްކޮށްލާނެ ކަމަށް ބުނެއެވެ.