މާލެ ފިޔަވާ އެންމެން ގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ށ. ނަރުދޫގެ ހާލަތާއި މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
އެ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނަރުދޫގެ ސިއްހީ ހާލަތު ރަނގަޅު ކުރެވިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެ ރަށުގައި މި ފަދަ ހާލަތަކަށް އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ސިއްހީ ހިދުމަތް ދޭނެ ޓީމެއް ނެތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނީ ނަރުދޫގައި ކޯވިޑް19އަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި އެތައް ބަޔަކު އެބަތިބި ކަމަށާއި ނަމަވެސް އެމީހުން ވަކިން ގެންގުޅެވޭނެ ފެސިލިޓީއެއް ވެސް ގާއިމުވެފައިނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ނަރުދޫ މިހާރު ލޮކްޑައުން ހާލަތުގައި އޮތްކަން ފާހަގަކޮށް އިދިކޮޅު ކޯލިޝަނުން ބުނީ ރަށުން ބޭހާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެންމެ އާދައިގެ ތަކެތި ވެސް ރަށުން މިހާރު ލިބެން ނެތް ކަމަށެވެ. އަދި މި ދުވަސްވަރު ރައްކާތެރިކަމަށް ބޭނުންވާ މާސްކު، ސެނިޓައިޒާ އަދި އަންގި ފަދަ ތަކެތި ރަށުން ނުލިބުމަކީ ރަށު ރައްޔިތުން އިތުރު ހާސްކަމެއްގެ ތެރެއަށް ދާންޖެހިފައިވާ މައްސަލައެއް ކަމަށް ވެސް ފާހަގަކުރެ އެވެ.
މިފަދަ ހާލަތެއްގައި ނަރުދޫ ފަދައިން ވައިރަސްގެ އަސަރު ކޮށްފައިވާ އެހެން ރަށްރަށަށް ސަރުކާރުން ދޭ ސަމާލުކަމަށް އިތުރު ކުރަން އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ. އަދި ކޮންމެ ރަށަކަށް ވެސް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދީ، ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ގޮވާލާފައިވެ އެވެ.
ގާތްގަނޑަކަށް 600 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ށ. ނަރުދޫއިން މިހާތަނަށް 11 މީހަކު ކޮވިޑް19އަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
ނަރުދޫއަށް ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވަނީ ޒިޔާރަތް ކުރަށްވައިފައެވެ. ހެލްތު މިނިސްޓަރު އަބުދު ﷲ އަމީނާއި،
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ﷲ ފައިރޫޟްއެވެ. އޭގެ އިތުރުން އެމްއެންޑީއެފުގެ ބޭފުޅުންވެސް އެ ވަފުދާއި އެކު އެރަށަށް ވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!