ކޯވިޑް-19 އަށް މިހާރު ދިހަ މީހުން ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫން ރައްކާތެރި ކަމަށް ބޭނުން ކުރާނެ އާލާތް ލިބެން ނެތުމުން އެރަށުގެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ.
ނަރުދޫގެ ހާލަތާއިމެދު ކަންބޮޑުވާ ބައެއް މީހުން ބުނެފައިވަނީީ އިތުރު ދެ މީހުން އެރަށުގައި ކޯވިޑަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 10 އަށް އަރާފައިވާއިރު، ކޮންޓެކްޓް ޓްރޭސިން ވަރަށް ބޮޑުވެފައިވާ ކަމަށާއި، ރައްޔިތުންގެ ހާސްކަން ވަރަށް ބޮޑުކަމަށެވެ.
ރަށުގެ ހުރިހަމައެކަނި ޑޮކްޓަރާއި، އެރަށުގެ ދެ ނަރުސް ތިބީ ކަރަންޓީނުގައި ކަމަށާއި، ރަށުގައި މަސައްކަތްކުރާ ދަރުމަވެރިން ބޭނުންކުރާނެ ރައްކާތެރިކަމުގެ އާލާތް އެ ރަށުން ލިބެން ނެތްކަމަށެވެ.
#COVID__19
Narudhoo in ithuru 2 positive. Total 10. Contact tracing varah bodu. Rayyithun ge Haaskan varah bodu. Huri Hama ekani doctor Quarantine ga. 2 Naruhun Quarantine ga. Rashuga masakkaiy kuraa dharumaverin beynun kohlaane mask, sanitizer, angi eh ves liben neh.@HPA_MV— ahmed mahir (@ahmedmahir90) May 2, 2020
އެރަށުން "ތިލަދުން" އަށް ވާހަކަ ދެއްކި މީހަކު ބުނީ ހުސްވި އޭޕްރިލް 18 އިން މިއަދު މެންދުރު 12 އާއި ހަމައަށް ކުރީގެ ކޭސްތަކާއި ސީދާ ބައްދަލުވި 51 މީހެއްގެ ސާމްޕަލް އެރަށުން މިހާރު ނަގާފައިވާ ކަމަށެވެ. އެ ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ލިބުނު 10 ސާމްޕަލް ޕޮޒިޓިވް ވެފައިވާ އިރު 11 ސާމްޕަލެއް ނެގެޓިވް ކަމަށްވެސް އޭނާ ބުންޏެވެ. އަދި ނަތީޖާ ނުލިބޭ ސާމްޕަލް އެބަހުރި ކަމަށާއި، މިއަދުވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށް އޭނާ ބުންޏެވެ.
" އަޅުގަނޑުމެން ވަރަށް އެދެން މިހާލަތުގައި އެހީތެރިވެވޭނެ ކޮންމެ މީހަކު އަޅުގަނޑުމެންނަށް އެހީތެރިކަމުގެ އަތް ދިއްކޮށްލަ ދިނުމަށް، ދަރުމަވެރިންވެސް މިތިބީ އެކަށޭނަ ރައްކާތެރިކަމުގެ އާލާތްނެތިފައި، ނަމަވެސް ރައްޔިތުންނަށް ޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް މިދަނީ ކުރަމުން " އޭނާ ބުންޏެވެ.
މިއަދު އަލަށް އެރަށު 2 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އިތުރަށް އެރަށުން ޕޮޒިޓިވްވެފައި ވަނީ ކޯވިޑް-19 އަށް އެރަށުން ފުރަތަމަ ޕޮޒިޓިވްވި އަމާޒު ބޯޓުގެ ކެޕްޓަނާއި، އޭނާގެ އަންހެނުންނާއި، 3 ދަރިންގެ އިތުރުން ކެޕްޓަންގެ މާބަނޑު ޅީ ދަރިފުޅެވެ. އޭގެ އިތުރުން ފައްސިވެފައި ވަނީ އަމާޒު ބޯޓުގެ ދެ ފަޅު ވެރިންނެވެ.
އަމާޒު ބޯޓު ކޭހާއި ގުޅުން ހުރި 113 މީހުން ދެނެގަނެވިފައި ވާކަމަށާއި، އޭގެ ތެރެއިން 35 މީހުންނަކީ ހައި ރިސްކު މީހުން ކަމަށާއި އަދި 11 މީހުން ކިބައިން ބަލީގެ އަލާމަތް ފެންނަ ކަމަށް އެންއީއޯސީ ކުރިން ވަނީ ބުނެފައެވެ.
އަތޮޅުތަކުން މީހުން ދިރިއުޅޭ ރަށްތަކުން އިއްޔެ ވަނީ ހއ. ތަކަންދޫން 3 މީހަކު އަދި ނ. މަނަދޫ މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މަނަދޫ މީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ އިތުރު ފަރުވާއަށް މާލެ ގެންގޮސް ޓެސްޓް ހެދުމުންނެވެ.
މީގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުން ހއ. އުލިގަމު މީހަކާއި، ށ. މިލަންދޫ މީހަކުވެސް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. ކ. ތުލުސްދޫންވެސް ވަނީ ބިދޭސީއަށް މިބައްޔަށް ޕޮޒިޓިވް ވެފައެވެ.
ނަރުދޫން މީގެ ކުރިން ޕޮޒިޓިވްވި މީހުން ވަނީ ހއ. ދޮނަކުޅީގައި ހިންގަމުންދާ ހައިޑް އަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓްގެ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައެވެ.
އުތުރުގެ ރަށްތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީންކޮށް ފަރުވާ ދިނުމަށް ހަމަޖައްސާފައި ވަނީވެސް ހއ. ދޮނަކުޅީގައި ހިންގާ ހައިޑަވޭ އައިލެންޑް ރިސޯޓެވެ.
ރާއްޖެއިން މިހާތަނަށް 491 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!