ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ އަކީ ޒަމާނުންސުރެއް ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ތަފާތު އާވައްތަރުގެ ގަސްއިންދުމުގައި ވައިކަރަދޫ ޒުވާނުން ވަނީ ތަފާތު ތަޖުރިބާތައް ކޮށްފައެވެ. އެގޮތުން މީގެ މަހެއްހާ ދުވަސް ކުރިން ވައިކަރަދޫ ޒުވާނަކުވަނީ ހަނޑޫ ހައްދާ އެއިން ބަތްވެސް ކައްކާފައެވެ. އެކަންވަނީ ރާއްޖޭގެ ގިނަބަޔެއްގެ ސަމާލުކަން ހޯދާފައެވެ.

މިފަހަރު އަލްމަންޑަކުން ގަސްފަޅުވާ އާ ތަޖުރިބާއެއްކޮށްފައިވަނީ ހދ. ވައިކަރަދޫ ކޮކްނަޓްވިލާ އާދަމް ނަސީމް އެވެ. 28 އަހަރުގެ މިޒުވާނާ ފާހަގަކޮށްލެވެނީ އާންމު ދިރިއުޅުމުގައިވެސް ތަފާތު އާ ކަންކަން ތަޖުރިބާ ކުރާ ޒުވާނެއްގެ ގޮތުގައެވެ.

Ad
rt

މިކަމުގެ ހިޔާލު އައިގޮތް ހިއްސާކުރަމުން "ތިލަދުން" އަށް ދެއްވި ބަސްދީގަތުމެއްގައި ނަސީމް ބުނެފައިވަނީ ފިހާރައަކުން އަލްމަންޑް ގަންނަންގޮސް މިއަކީވެސް ރާއްޖޭގައި ހެއްދިދާނެ އެއްޗެއްތޯ ބެލުމުގެ ޝައުގުވެރިކަން އުފެދުނީ ކަމަށެވެ.

އެންމެ ފުރަތަމަަ މިކަން ކުރަންވީ ގޮތުގެ މަޢުލޫމާތު އިންޓަރނެޓް އިން ހޯދައި މިކަމާ ބެހޭ މަޢުލޫމާތު އެއްކުރިއެވެ. މިމަޢުލޫމާތުތަކުގެ އަލީގައި އެދުވަހު ފިހާރައިން ގެނައި އަލްމަންޑް ތަކުން 11 އޮށް ތަށްޓަކަށް ފެން އަޅައި އޭގެ ތެރޭގައި 24 ގަޑިއިރު ބެހެއްޓިއެވެ. 12 ގަޑިއިރަށްފަހު ފެންގަނޑު އާކޮށްލިއެވެ. އޭގެ ފަހުން އަލަމަންޑުގައި ތޫނުކޮށް އިންނަ ތަންކޮޅު ނައްޓުވާލުމަށް ފަހު، މަތިޖެހޭ ތައްޓެއްގައި ޓިޝޫއެއް ބޭއްވުމަށް ފަހު އަލްމަންޑުތައް އަޅައި އަނެއްކާ ވެސް އޭގެ މަތިން ޓިޝޫއެއް އަޅައި، އެއްކޮށް ފޮރުވާލި އެވެ. ތަށީގެ މަތި ޖެހުމަށް ފަހު 45 ދުވަސްވަންދެން ބެހެއްޓީ ފްރިޖުގަ އެވެ. މިގޮތައް ބަހައްޓާއިރު ދޭތެރެ ދޭތެރެއިން ބަލަމުންދާކަމަށް ނަސީމް ބުނެފައިވެއެވެ. މިގޮތަށް ހުރެ އޮއްތަކުން ބައި އިންޗިއަށް މޫ ނިކުތުމުން ޕޮޓްތަކެއްގައި އިންދިއެވެ. ފިނިހޫނުމިން ހުންނަން ޖެހެނީ 30 އާއި 40 ޑިގްރީ ސެލްސިއަސްއާއި ދެމެދުގައިކަމަށް ނަސީމްބުނެއެވެ.

ވައިކަރަދޫ ކޯޓުގައި ވަޒީފާ އަދާކުރާ އާދަމް ނަސީމްއަކީ ކުރަން ހިތުލައިފި ކަމެއް ނުގުޑާފަދަ އަޒުމެއްގައި ކާމިޔާބު ކުރާ ޒުވާނެކެވެ. މިގޮތަށް ޕޮޓް ތަކުގައި އިންދި އޮށްތަކުން ފުރަތަމަ ނިރު ދައްކާލީ 45 ދުވަސް ފަހުންނެވެ. ނަސީމް ބުނެފައިވަނީ އޭނާ އެއްކުރި މަޢުލޫމާތުތަކުގައި ވާގޮތުން މިކަމަށް 30 ދުވަހާއި 60 ދުވަހުގެ މުއްދަތެއްް ހޭދަވާ ކަމަށެވެ. އޭނާގެ ގޭގެ ގޯތިތެރޭގައި އިންދި އަލްމަންޑް އޮށްތަކުން ގަސް ފަޅައި އެ ގަސްތައް މިހާރު ވަނީ އިންޗިއަކަށް ހެދިފަ އެވެ.

11 ޕޮޓުގައި ހުރި ގަސްތައް މިއުޅެނީ އަވައްޓެރިންނަށް ބަހާލަން، އޭރުން ކޮންމެސް އެއްގެޔެއްގައި ގަހެއް ހެދި ފޯދިދާނެ ކަމުގެ އުންމީދުއެބަ އޮތް، ގަސް ފެޅި ކަމުގައި ވިއަސް، އެ ރަނގަޅަށް ފޯދި، ގަސް ބޮޑުވާން 5-12 އަހަރު ނަގާނެ

މީގެ ކުރިން ފޮނިތޮއްޓާއި ޏަމްޏަމް ގަހާއި ދިވެހި ބޭސް ހައްދަން ބޭނުންކުރާ އަރޮޅި ވެސް ހެއްދި ނަސީމް ބުނެފައިވެއެވެ.

5،000 އަކަފޫޓުގެ ދަނޑެއްގައި ކަރަލާއި ބަރަބޯ، ބީންސް، ޓޮމާޓޯ، ކައްޓަލަ އަދި މިރުސް ހައްދަމުން އަންނަ ނަސީމް ބުނެފައިވަނީ އޭނާގެ އުފަން ރަށުގައި ދަނޑުވެރިކަމަށް ހުރި ގޮންޖެހުމަކީ ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމަ އަގު ނުލިބުމެވެ. ނަސީމްގެ އާއިލާއަކީވެސް ދަނޑުވެރި އާއިލާއެކެވެ.

ކުރިން ވައިކަރަދޫ އިން ފާހަގަކޮށްލެވުނު އިބްރާހިމް އަޝްރަފް ރުވާފައިވާ ހަނޑޫ ގަސްތަކެއްވަނީ ނަސީމް އަށް ހަދިޔާ ކޮށްފައެވެ. އެއީ އެއިނާ އެކަން ތަޖުރިބާކޮށްލުމަށެވެ. މިހާރު ހަނޑޫ ހެއްދުމުގެ ތަޖުރިބާ ކުރަމުން އަންނައިރު އިތުރު ގަސްތައް ހެއްދުމުގެ ޝައުގުވެރިކަން ހުރިކަން ނަސީމް ފާހަކަ ކުރިއެވެ.

އަލަމަންޑް އެންމެ ރަނގަޅަށް ހެދެނީ މެޑިޓަރޭނިއަން ސަރަހައްދާ އެއްގޮތަށް މޫސުން އޮންނަ ތަންތަނުގަ އެވެ.