ކޯވިޑް ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެކަމަށް ސަރުކާރުން ހާމަކޮށްފި އެވެ. މިކަން ސަރުކާރުން ހާމަކޮށްފައިވަނީ މިރޭ އެކަމާއި ގުޅިގެން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިމީހާއަކީ ކޮންޓެކްޓްރޭސިންގެ ތެރެއިން ފާހަގަވެ، ސާމްޕަލް ނަގާފައިވަނިކޮށް، މިއަދު މަރުވި 83 އަހަރުގެ އަންހެން ކަމަށް ހެލްތު މިނިސްޓަރ އަމީން ވިދާޅުވިއެވެ.

Ad
rt

މަރުވި މީހާ އަކީ، ކޮވިޑް ޖެހުނު މީހެއްގެ ފަސްޓް ކޮންޓެކްޓަށް ވުމުން ޓެސްޓް ހަދަން އޭނާގެ ސާމްޕަލް ނަގާފައިވާ މީހެކެވެ. އޭނާ މަރުވީ އެ ބައްޔަށް ޝައްކުވެގެން ސާމްޕަލް ނަގާފައި ވަނިކޮށެވެ. މީގެ އިތުރުން، އެ މީހާ ދިރިއުޅުނު ގެވެސް ހުރީ ކަރަންޓީނުގައިކަން ވެސް އެނގިފައިވެ އެވެ.

ނެޝަނަލްް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ބްރީފިންއެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އާމިނަތު އާދަމް، 83 މަރުވީ މިރޭ 7:10 ގައި ކަަމަށާއި އެއީ ކޮވިޑް-19 ކޭސް 126 އާ ގުޅުން ހުރި މީހެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޭސް 126 އާ ގުޅުން ހުރުމުން އާމިނަތުގެ ސާމްޕަލް ނަގާފައި ވަނީ ހޯމަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް ވިޔަސް އޭނާ މަރުވި އިރު ޓެސްޓްގެ ނަތީޖާ އޮތީ ނުލިބި އެވެ.

"މިއަދު ހަވީރު، އިރު އޮއްސުނު އިރު ނޭވާލާން އުނދަގޫ ވެގެން އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ލިބިގެން ހޮސްޕިޓަލަށް ގެންދެވުނު އިރު ނިޔާވެފައި އޮތް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ،،"

އަމީން ވިދާޅުވި އެވެ.

އާމިނަތާއި އާއިލާއަށާއި އެކުވެރިންނަށް މިނިސްޓަރު ތައުޒިޔާ ވިދާޅުވި އެވެ.

މަރުވި މީހާގެ ޖަނާޒާގެ ކަންތައްތައްތަކުގެ ތަފްސީލް ދެއްވަމުން އަމީން ވިދާޅުވީ ހިނެވުމުގެ ކަންތައް ކުރިއަށް ގެންދިޔައީ އެކަމަށް ތަމްރީނު ވެފައިވާ އަންހެން ސިފައިން ކަމަށެެވެ. އެއީ މިކަމަށް ފުރިހަަމައަށް ތައްޔާރުވެފައިވާ ސިފައިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރި ޢުމުރުން 80 އަހަރުގެ މީހާގެ ޙާލު ސީރިއަސްވެ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަ ކަމަށްވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެެއެވެ.

ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރުވަނީ 278 އަށް އިތުރުވެފައެވެ. މިއަދު އެކަނިވެސް މިބައްޔަށް 28 މީހަކުވަނީ ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ރަޝީދު ކާޕެންްޓްރީގެ ކްލަސްޓާއާ ގުޅުންހުރި ދިވެހިންނެވެ. އޭގެތެރޭގައި ކޯވިޑް ވިލެޖު ޤާއިމްކުރުމުގެ މަސައްކަތުގައި އުޅުނު ބައެއް މީހުންވެސް ހިމެނެއެވެ.

ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދުވަނީ 126އަށް އަރާފައެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ ޢަދަދު 152އަށް ވަނީ އިތުރުވެފައެވެ. އެންމެ ގިނަ ޢަދަދަކަށް ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަނގްލަދޭޝް މީހުންނެވެ. އަދި އޭގެ ތެރޭގައި ބާޒާރު މިލިއަން ކްލަސްޓައާ ގުޅުންހުރި ފަރާތްތައް ގިނަކަން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ފާހަގަކުރައްވައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވިމީހަކު ފެނިފައިވަނީ މާރޗްމަހުގެ 7ވަނަ ދުވަހުއެވެ. މާލެ ސަރަހައްދުން ކޯވިޑް-19 ޖެހިފައިވާ މީހެއް ފެނުނީ މިމަހުގެ 15ވަނަ ދުވަހުއެވެ.

މާލޭގެ އިތުރުން މިބައްޔަށް ޕޮޒިޓިވްވި މީހުން މިހާތަނަށް ފެނިފައިވަނީ ހއ.އުލިގަމާއި، ށ.ނަރުދުއާއި އެއަތޮޅު މިލަންދުއިންނެވެ. ނަރުދޫއަކީ ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ ޢާންމުންގެ ތެރޭގައި ބަލިފެތުރެމުންދާ ރަށެއްގެ ގޮތުގައި ވަނީ އެންއީއޯސީން ނިންމާފައެވެ. ނަމަވެސް އެރަށުގައި ބަލި ފެތުރެމުންދާގޮތް ދެނެގަނެވިފައިވާކަމަށް އެސެންޓަރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކުގައި ކޯވިޑް-19 ފެތުރެން ފަށާފައިވަނީ އުތުރަށް ދަތުރުކުރި އަމާޒު ބޯޓްގެ ކެޕްޓަން، ބައްޔަށް ޕޮޒިޓިވެ އޭނާއާ ސީދާ ދިމާވި މީހުން ދެނެގަތުމުގެ ތެރެއިންނެވެ. އަމާޒު ބޯޓުން ދަތުރުކުރި 98 މީހުންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ވަނީ ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމަތްތަކެއް ފެންނަން ފަށާފައެވެ. އިތުރު ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ.