ކޯވިޑް-19 އަށް ށ. ނަރުދޫން އިތުރު 7 މީހުން ފައްސިވެފައިވާއިރު، އެ މީހުން ކަރަންޓީނު ކުރަން ގެންދިޔުން ލަސްވާތީ ރައްޔިތުން ތިބީ ކަންބޮޑުވެ، ހާސްވެފައިކަމަށް ނަރުދޫ ކައުންސިލް މެމްބަރަކު ވިދާޅުވެއްޖެއެވެ.
ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު މިނޫހަށް ވިދާޅުވީ، އެ ރަށުން އިތުރު 7 މީހުން ކޯވިޑަށް ފައްސިވިކަން އަންގާފައި ވާއިރު، 24 ގަޑި އިރު ފާއިތު ވަމުންދާއިރު އެމީހުންނަށް އިތުރު ފަރުވާއެއް ނުދެވި، ކަރަންޓީނު ފެސިލިޓީއަށްވެސް ނުގެންދެވި ތިބުމުން ރައްޔިތުން ތިބީ ހާސްކަމާއި، ކަންބޮޑުވުމުގައި ކަމަށެވެ.
ކޯވިޑް-19 އަށް އެރަށުން ފުރަތަމަ ފައްސިވި އަމާޒު ބޯޓުގެ ކެޕްޓަން މިހާރުވަނީ އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވިފައެވެ.
އިތުރަށް ފައްސިވެފައި ވަނީ އޭނާގެ އަންހެނުންނާއި، 3 ދަރިންގެ އިތުރުން ކެޕްޓަން ދަރިފުޅެއްގެ އަނބި މީހާއެވެ. އެކުއްޖާ އަކީ މާބަނޑު މީހެއް ކަމަށްވެސް ކައުންސިލް މެމްބަރު ވިދާޅުވިއެވެ. އޭގެ އިތުރުން ފައްސިވެފައި ވަނީ އަމާޒު ބޯޓުގެ ދެ ފަޅު ވެރިންނެވެ.
ކައުންސިލް މެމްބަރު ނިޒާރު ވިދާޅުވީ މީގެ ކުޑަ އިރުކޮޅެއް ކުރީން އެކަމާއި ގުޅިގެން އަތޮޅު ކައުންސިލާއި އަދި އަތޮޅުގެ ކަމާއިބެހޭ އެހެން އިދާރާތަކާއިއެކު ދެ ގަޑިއިރުގެ ކޮންފަރެންސް ކޯލަކުން މަޝްވަރާ ކުރައްވާ ފައި ވާކަމަށެވެ.
ނަމަވެސް މިހާތަނަށް ކަމާބެހޭ އެއްވެސް ފަރާތަކުން ފައްސިވި މީހުން ގެންދިއުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ކައުންސިލާ ހިއްސާ ކޮށްފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ، ނަރުދޫން ފައްސިވި މީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަށްވަމުން ގެންދަވާ ކަމަށެވެ.
ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. އަފްޒަލް ވަނީ ށ. ނަރުދޫން މިހާތަނަށް ޖުމްލަ އަށް މީހެއް ކޯވިޑަށް ފައްސިވެފައި ވާކަމަށް ވިދާޅުވެފައެވެ.
ށ. މިލަންދޫއިންވެސް އެކަކު ކޯވިޑަށް ފައްސިވެފައިވާ ކަމަށާއި، އަމާޒު ބޯޓާއި ގުޅުން ހުރި 113 މީހެއް ދެނެ ގަނެވިފައި ވާ ކަމަށްވެސް ޑރ. ވިދާޅުވިއެވެ.
އަމާޒު ބޯޓު ކޭހާއި ގުޅުން ހުރި ސަތޭކަ ތޭރަ މީހުން ކުރެ 35 މީހުންނަކީ ހައި ރިސްކު މީހުން ކަމަށާއި، އޭގެ ތެރެއިން 11 މީހުން ކިބައިން ބަލީގެ އަލާމަތް ފެންނަ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ވަނީ 256 މީހުން ފައްސިވެފަ އެވެ. އޭގެ ތެރެއިން 17 މީހަކު ރަނގަޅުވެ، މިހާރު ފަރުވާ ދެމުން އަންނަނީ 233 މީހުންނަށެވެ.
މިވަގުތު ކަރަންޓީނު ފެސިލިޓީސް ތަކުގައި 1271 މީހުން ތިބި އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 231 މީހަކު އެބަ ތިއްބެވެ.
އަތޮޅުތަކުގެ މީހުން އުޅޭ ރަށްތަކުން ކޯވިޑް-19 ފައްސިވި މީހުންނަށް ބަލާއިރު، ނަރުދޫން ޖުމްލަ 8 މީހުން މިބައްޔަށް މިހާތަނަށް ފައްސިވެފައި ވާއިރު، ށ. މިލަންދޫ މީހަކާއި އަދި ހއ. އުލިމު މީހެއްވެސް މިބައްޔަށްވަނީ ފައްސިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!