މާލެ ސަރަހައްދު ފުރަބަންދުގެ މުއްދަތު އިތުރު ކޮށްފި
މާލެ ސަރަޙައްދު، އިތުރު 14 ދުވަހަށް ފުރަބަންދު ކުރުމަށް ނިންމަވައިފިއެވެ.
މާލޭގެ ފްލޫ ކްލިނިކަކަށް ދެއްކި ދިވެހި އަންހެނެއް ކޯވިޑް-19އަށް ފައްސިވުމާއި ގުޅިގެން މާލެ ސިޓީ ހިމެނޭ ސަރަހައްދުގެ މާލެއާއި ހުޅުމާލެއާއި ވިލިމާލެ ފުރަބަންދުކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު 2 ދެދުވަހުގެ މުއްދަތަކަށެވެ.
ނަމަވެސް ކޯވިޑް-19 އަށް ޕޮޒިޓިވް މީހުން މާލެއިން ފެނުން އިތުރުވުމާގުޅިގެން މިމަހުގެ 17 ވަނަ ދުވަހު އިތުރު 14 ދުވަހުގެ މުއްދަތަކަށް މާލެ ސަރަޙައްދުވަނީ ފުރަބަންދުކޮށްފައެވެ.
އަނެއްކާވެސް އިތުރު 14 ދުވަހަށް މާލެ ސަރަޙައްދު ފުރަބަންދަކަށް ގޮސްފައިމިވަނީ މުޖުތަމައުގައި ކޯވިޑް ފެތުރުމަށް އޮތް ފުރުސަތު ހަނިކުރުމަށެވެ. އަދި މިކަމަށް ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ވަނީ 250 މީހުން ފައްސިވެފަ އެވެ. އޭގެ ތެރެއިން 17 މީހަކު ރަނގަޅުވެ، މިހާރު ފަރުވާ ދެމުން އަންނަނީ 233 މީހުންނަށެވެ.
މިވަގުތު ކަރަންޓީނު ފެސިލިޓީސް ތަކުގައި 1271 މީހުން ތިބި އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 231 މީހަކު އެބަ ތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!