ކޯވިޑް-19 އަށް ފައްސިވާ ކޭސްތައް ގިނަވެއްޖެ ހާލަތެއް އަތުވެއްޖެ ނަމަ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމަށް އެސަރަހައްދުގައި ހުރި ރިސޯޓްތަކާއި ވާހަކަ ދައްކާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ފައްސިވާ ކޭސްތައް ގިނަވެ، އެ ހާލަތް އަތުވެއްޖެ ނަމަ އުތުރާއި ދެކުނުން ވެސް ކަރަންޓީން ފެސިލިޓީ ހަދާނެ ތަންތަން ހޯދާފައި ވާކަމަށެވެ.
މިހާރު މި އައީ ފޭސް ދެއެއް ކަމަށާއި، ކުރިއަށް އޮތްތާނގައި ފައްސިވާ ކޭސްތައް ގިނަވެދާނެ ކަމަށާއި، މި ހަފުތާގައި ވެސް ގިނަވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ފެނިގެން ދިޔަ ގޮތް ކަމަށާއި، އެކަމަށް އަޅުގަނޑުމެން އެންމެން ވެސް މި ތިބީ ތައްޔާރަށް ކަމަށެވެ. އަދި ފްރޮންޓްލައިންގައި ހިމެނޭ ހުރިހާ އެންމެން ވެސް ތިބީ ތައްޔާރަށް ކަމަށްވެސް މިނިސްޓަރު ވިދާޅު ވިއެވެ.
މިނިސްޓަރު ވަނީ ކޯވިޑް-19 އާއި ގުޅިގެން މީހުން ބައިތިއްބައް ފެސިލިޓީތައް ހޯދަމުން އަންނަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށާއި، އެއިން ކޮންމެ ފެސިލިޓީއެއްގައި ސިފައިންގެ މީހަކު ހުންނާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން ކޮންމެ ފެސިލިޓީއެއްގައި ބޮލަކަށް ކަނޑައަޅާފައިވާ ރޭޓަކީ 750 ރުފިޔާ ކަމަށާއި، އެ ޢަދަދު ހަމަޖައްސާފައި ވަނީ އެ ތަނެއްގައި ހިނގާ ހުރިހާ ހަރަދެއް ލައިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއިން ކޯވިޑް-19 ބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ ޖުމްލަ 17 މީހުންނެވެ. މިހާރު ރާއްޖެއިން މިބައްޔަށް ފައްސިވި މީހުންގެ ޢަދަދު ވަނީ 214 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!