ރާއްޖޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަސް މީހަކު ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ފަރާތުން ފެސިލިޓީތަކާ ހަވާލުވެ ހުންނަވާ އެންމެ އިސް ކޮމާންޑަރު ކާނަލް ހުސެއިން އަލީ ވިދާޅުވީ، މިހާތަނަށް އެމްއެންޑީއެފްގެ ފަސް މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށެވެ.

Ad
rt

އޭނާ އެ ގޮތަށް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެމީހުނާ ގުޅުންހުރި ބައެއް ސިފައިން ކަރަންޓީނު ކޮށްފައިތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަން ފެށުނުއިރު ވެސް، އަދި މިކަމުގެ ތެރޭގައި ސިފައިން އުޅޭއިރު ވެސް މި ބައްޔަށް ހުށަހެޅިދާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި، ކަރަންޓީނަށް މުއްދަތު ހަމަކޮށްފައި އަލުން އެނބުރި ހަމަ މަސައްކަތަށް ނުކުންނާނެ ކަމަށެވެ.

ރާއްޖެއިން މިބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ ޖުމްލް 17 މީހުންނެވެ. މިހާރު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 214 އަށް އަރާފައެވެ.