ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 36 މީހަކު ފައްސިވެ ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު 177 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ މި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާއި، 6 ދިވެއްސަކާއި، އިންޑިއާ މީހެއް ކަމަށެވެ.

Ad
rt

މީގެތެރެއިން 30 މީހުންނަކީ ތޮއްޖެހިގެން ތިން ގެއެއްގައި ދިރިއުޅެމުންދާ މީހުންތަކެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މި މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ ފުރަބަންދެއްގައެވެ. މި ފުރަބަންދުގެ މުއްދަތު އަންނަ މަހުގެ އެކަކަށް ހަމަވާއިރު، މުއްދަތު އިތުރުކޮށްފާނެ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވަނީ ކުރައްވާފައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްތައް ވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.