98 މީހުންނާ އެކު ދަތުރުކުރި “އަމާޒު” ބޯޓުގެ ކައްޕި ފައްސިވުމާއި އެކު، ރަށްރަށުގައި ކޮމިއުނިޓީ ސްޕްރެޑްގެ ފުރުސަތު އޮތްކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
އެންއޯސީގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފައިސަލް ވިދާޅުވީ އަމާޒު ބޯއްޓުގެ ކޭސްއަކީ ވަރަށް ބޮޑު ކްލަސްޓާ އަކަށް ވުން އެކަށީގެންވާކަމަށާއި އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް 5 މީހަކު އަލާމާތްތައް ފެނިފައިވާކަމަށް ވިދާޅުވިއެވެ.
ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ، 98 މީހުންނާ އެކު ދަތުރުކުރި ށ. ނަރުދޫ “އަމާޒު”ގެ ކެޕްޓަން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ކަމަށާއި އަމާޒު ބޯޓު ވަނީ ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފައި ކަމަށެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މިހާތަނަށް ބޯޓުން ދަތުރުކުރި 51 މީހަކު ހޯދިފައިވޭ. އޭގެ ތެރެއިން ފަސް މީހެއްގެ ކިބައިން ބަލިގެ އަލާމާތް ފެނިފައިވޭ، އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް މިހާރު ކުރިއަށް އެބަދޭ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނުފެންނަ މީހުން ތިބޭނެ ކަމަށް ގަބޫލުކުރެވޭ، އެހެންކަމުން ވީހާވެސް އަވަހަކަށް އެކަން އެންގުމަށް އެދެން
ޑރ. އަފްޒަލް ވިދާޅުވިއެވެ.
އަމާޒު ބޯޓް މާލެއިން ފުރީ މާލެ ލޮކްޑައުންނަށް ގެނައި ދުވަހުކަމަށްވާ އޭޕްރީލް 15 ވަނަ ދުވަހުގެ ތިނެއް ޖެހި އިރުއެވެ. އެ ބޯޓްގައި ނ އަދި ށ އަތޮޅުގެ 98 މީހަކު ދަތުރުކޮށްފައި ވެއެއެވެ. މިދެ އަތޮޅުގެ 10 ރަށެއްވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ފައެވެ. ނ އަތޮޅުން މޮނިޓަރިންގައި ވަނީ މާފަރާއި ހެނބަދޫއާއި މިލަންދޫ އާއި ކެނދިކޮޅުދޫއާއި ވެލިދޫއާއި ހޮޅުދޫއެވެ.
ށ. އަތޮޅުން މޮނިޓަރިންނަށް ގެނެސް ފައިވަނީ ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކެވެ. ހއ. އަތޮޅުން މޮނީޓަރިންއަށް ގެނެސްފައިވަނީ ދިއްދޫ އާއި އުތީމެވެ.
މި ބޯޓު 13 ރަށަކަށް ދިޔައިރު އޭގެ ތެރޭގައި، ނ. މާފަރު، ހެނބަދޫ، މިލަދޫ، ވެލިދޫ، ކެނދިކުޅުދޫ، ހޮޅުދޫ ށ. ނަރުދޫ، ފުނަދޫ އަދި ފީވަކު ހިމެނޭކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައު ބުނެފައިވެއެވެ.
ރާއްޖެއިން ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައިވާ މި ޙާލަތުގައި މާލެއިން ބޭރަށް ދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވެސް ވަނީ މިއަދު މެންދުރު ވިދާޅުވެފައެވެ.
ކުރު މުއްދަތަކަށް މާލެއަށް ޒިޔާރަތްކޮށް އެކި ސަބަބުތަކާހުރެ ތާށިވެފައި ތިބި ވަރަށް ގިނަ ފަރާތްތައް އެބަތިބި ކަމަށާއި، ނަމަވެސް މިވަގުތު އެންމެ އިސް ވާޖިބަކީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުން ކަމަށެވެ.
އެގޮތުން މާލެއިންވެސް ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައިވާއިރު، މިވަގުތު މާލޭގައި ތިބި ހުރިހާ ރައްޔިތުންނަކީ ވެސް ބަލި ޖެހުމުގެ ފުރުސަތު ނުވަތަ ނުރައްކާ ބޮޑު ބައެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިވަގުތު މާލޭގައި ތިބި އެންމެންވެސް ތިބީ "ރިސްކް ބޮޑު" މީހުންގެ ލިސްޓުގައި ކަމަށެވެ. އެއާއެކު މިޙާލަތުގައި ރަށަށް ދާންޖެހޭނީ އެނޫން އެއްވެސް ގޮތެއް ނެތިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލައި، ލޮކްޑައުންގެ ޙާލަތު އާންމު ޙާލަތަކަށް ބަދަލުކުރެވެން މިވަގުތު ނެތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!