ގޭގައި ކަރަންޓީނުވާން ޖެހޭ ހާލަތުވެސް އައިސްދާނެ ކަމަށް ތައްޔާރަށް ތިބުމަށް ހެލްތު މިނިސްޓަރު އަބުދު ﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ގޭގައި ކަރަންޓީނުވާން ޖެހޭ ހާލަތުވެސް އައިސްދާނެ ކަމަށް ތައްޔާރަށް ތިބުމަށެވެ.

Ad
rt

މިނިސްޓަރު ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑެއް ފެނުނު ފަހުން ބަލި ފެތުރެމުންދަނީ ލަފާކުރެވިފައިވާ ބާރުމިނާއި އެއްވަރަށް ކަމަށާއި، މަސައްކަތް ކޮށްފައިވާނީ މާލެއިން ކޭސްއެއް ފެނުނުއިރު އަތޮޅު ތެރެއަށްވެސް އޭގެ ކުރިން މީހަކު ދަތުރު ކޮށްފައިވެދާނެ ކަމަށް ބެލެވިގެން ކަމަށެވެ.

" މިހާރު ފަންނީ ބޭފުޅުންނާއި ޑޮކްޓަަރުން ގުޅިގެން ފަރުވާގެ ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ދަނީ ދެނެގަންނަމުން، އެހެންކަމުން ބެލިބެލުމުން ކަރަންޓީނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ބެލެވޭ، ރައްޔިތުން ގޭގައި ކަރަންޓީން ކުރަންވެސް ޖެހިދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

ފައްސިވާ މީހުންނަށް ފަރުވާ ދެވޭނެ ގޮތްތައް ހަމަޖައްސާފައި ވާކަމަށާއި، މިބައްޔަށް ފައްސިވާ މީހުން ވަކި ރަށެއްގައި ބައިތިއްބަން ވެސް ޖެހިދާނެ ކަމަށާއި، އެ ހާލަތަށްވެސް ތައްޔާރު ވަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު މަސައްކަތް ކުރައްވަމުން ދާއިރު، ސީދާ ބައްދަލުވާ މީހުންގެ ތެރެއިން ބަލީގެ އަލާމަތްތައް ފެންނަ މީހުންނަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޓެސްޓު ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްވެސް ދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށާއި، އޭގެ އިތުރުން ފައްސިވާ ކޭސްތަކާއި ގުޅުންހުރި މީހުން ފިޔަވައި އެކި ސަރަޙައްދުތަކުގައި ރެންޑަމްކޮށް ޗެކް ކޮށް، ޓެސްޓް ކުރަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ބެލި ބެލުމުން ކުރިން ބަލި ހުންނާނެ ކަމަށް ބެލެވިފައި ނުވާ ތަންތަނުން ވެސް ބަލި ވަނީ ފެނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ރާއްޖެއިން ކޯވިޑަށް ފައްސިވި ޖުމްލަ އަދަދަކީ 128 އެވެ. އަލަށް މިބައްޔަށް ފައްސިވި މީހުންގެ ޢަދަދަކީ 20 މީހުން ކަމަށް އެޗްޕީއޭގެ މައުލޫމާތުން ހާމަވާއިރު، އޭގެ ތެރޭ ހިމެނެނީ 60 ދިވެހިންނާއި 68 ބިދޭސިންނެވެ. މާލެއިން ފައްސިވި މީހުން އަދަދު ވަނީ 107 އަރާފަ އެވެ.

މިހާތަނަށް 5441 ސާމްޕަލް ނަގާފައިވާއިރު 5071 ސާމްޕަލް ވަނީ ނައްސިވެފައެވެ. މިވަގުތު ކަރަންޓީންގައި ތިބީ 1329 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 125 މީހުންނެވެ.