ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި މިބައްދަލުކުރީ، މުޅި ދުނިޔެ ބަނަ ކޮށްލާފައިވާ ކޯވިޑް-19 ގެ ބަލިމަޑު ކަމުގެ ތެރެއިން ނެވެ.

ހުސްވި 2019 ވަނަ އަހަރު ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި މި ނުރައްކާތެރި ވައިރަސް މިހާރު މިވަނީ އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަށްވެސް ފޯރާފައެވެ.

Ad
rt

ކޯވިޑް-19 ފަތު އަޑުކިޔާފައި ދުނިޔޭގައި ފެތުރެން ފެށުމާއިއެކު، އެތައް ބަޔަކު އަމިއްލަ ފަރުދީ ޒިންމާ ނަގައި، ކޮންމެ ހެން ބޭނުމެއް ޖެހިގެން މެނުވީ ގެއިން ބޭރަށް ދިޔުން ހުއްޓައިލިއެވެ.

ލިބޭ ވަގުތު ތަކުގައި ދަރިން ގޮވައިގެން ޕާކު ތަކަށާއި، ފިނި މައިޒާން ތަކަށް ދިޔުން ދޫކޮށްލިއެވެ. އެ މީހުން އަމިއްލަ ފަރުދީ ޒިންމާގައި ގޭ ބަންދު އިޚްތިޔާރު ކުރީ މިބަލީގެ ނުރައްކާ ބޮޑުކަމުންނެވެ.

އެބައިމީހުން އެފިޔަވަޅުތައް އެޅީ ހުޅުވިފައިވާ ދުނިޔޭގެ ތެރެއިން މިބަލި އަންނަން ހުރި ދޮރުތަކާއި، މަގުތައް ލަފާކޮށްފައެވެ.

އަމިއްލަ ނަފުސުތަކުގެ ރައްކަލަށް އެޅި މިފިޔަވަޅު ރަސްމީވެ، މިހާރުވެސް ގުނަމުން މިދަނީ ގޭ ބަންދު ދުވަސްތަކެވެ. އެކި ހިސާބުން މި ގޭބަންދާއި ގުޅެމުން އައި މީހުން ގިނަ ވަމުންގޮސް އެންމެން ގޭ ބަންދުވިތާވެސް 9 ދުވަސް ވީއެވެ.

ގޭ ބަންދުގެ ސަބަބުން ކުރިމަތިވި އެންމެ ބޮޑު އެއްކަމަކީ ނަފުސާނީ އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހުމެވެ. އެކި މީހުން އެކި މިންވަރަށް ނަފުސާނީ ހަނގުރާމައިގެ ތެރެއަށް ވަންނަން އޮތީ މަޖުބޫރު ވެފައެވެ. ކުރިން ގޭ ބަންދުވި މީހުންނަށް އެ ހަނގުރާމައިގެ އަސަރު ކުރާލެއް މާބޮޑެވެ.

ގޭ ބަންދުގެ ދުވަސްތަކުގެ ތެރެއިން މި އާދެވުނީ ކުރަމުން ދިޔަ ނަފުސާނީ ހަނގުރާމެއްގެ ޝިފާއެއްގެ ފެށުމަށެވެ. މިއަދު މިފެށި ރޯދަ މަހަކީ، އަޅުގަނޑުމެން ކުރަމުން މިދާ ނަފުސާނީ ހިތްދަތި ތަޖުރިބާއަށް ހައްލެއް ގެނުވާނެ މައްސަރެކެވެ.

މިހިތްދަތި ކަމާއި، މި ބިރުވެރިކަމުން މިންޖުވުމަށް އެދި ގަދަ ކީރިތި ވަންތަ ﷲ އަށް ކުއްތަންވުމަށް މިލިބުނީ ރަނުގެ ފުރުޞަތެކެވެ. ހަޔާތުގައި ކުރެވުނު ކުއްތަކަށް ތައުބާވެ، އައު ފެށުމަކުން ފަށަން މިލިބުނީ އެންމެ ރަނގަޅު ފާލަމެވެ.

ލިބެމުންދާ ނަފުސާނީ އުނދަގޫތަކަށް މިމައްސަރުގެ ސަބަބުން ފަސޭހަކަން ލިބި ނަފުސަށް ހަމަޖެހުން ގެނުވާނެ ކަން ކަށަވަރެވެ. ދެދުނިޔޭގެ ލާބަޔަށް މިލިބުނު ފުރުޞަތުގެ ބޭނުން ހިފުމަކީ ދޫކޮށްލައިގެން ވާނެ ކަމެއްނޫނެވެ.

ރަމަޟާން މަހު، އަޅުކަން ދޫކޮށް ބަނޑު ހައި ހޫނު ކަމުގެ ވަގުތުތައް ހޭދަކުރާ މީހަކަށް ތިބާ ނުވާށެވެ. މިމައްސަރަކީ ހެޔޮ ކަމުގެ މައްސަރެވެ. ހެހޮ ޖަޒާލިބެނިވި މައްސަރެވެ. މި ލިބުނު ފުރުޞަތައް ކަންފަސޭހަކަން އިސްކޮށް ވަގުތު ގެއްލުވާލާ މީހަކަށް ތިބާ ނުވާށެވެ.

ފުރިހަމަ ރޯދަމަހެއް ލިބިގަންނަ މީހަކަށް ތިބާވާށެވެ. ރޯދަ ހިފުމާއިއެކު، ފަސްނަމާދު އަދާކޮށް، ޤުރުއާން ކިޔެވުން ގިނަ ކުރާށެވެ. ތަރާވީހު ނަމާދަށް ފަރުވާތެރިވެ، ދަމު ނަމާދު ދޫ ނުކުރާށެވެ. ވީ ވަރަކުން ތިބާގެ އަޚުންނާއި، އަވަށްޓެރިންގެ ހާލު ބަލައި، ސަދަޤާތްކޮށް، މަދަދުވެރިވާށެވެ.

ކޮންމެ އަޅުކަށްފަހު، މިހާލަތުން މިންޖުކޮށް ދެއްވުމަށް އެދި މާތްﷲ އަށް ދަންނަވާށެވެ. ދުޢާކުރުން ގިނަކޮށް އެކަލާނގެ ކިބައިން މަދަދާއި، ވާގިއެދޭށެވެ.

އުންމީދު ކަނޑާލުމެއް ނުވެއެވެ. މާޔޫސް ވުމެއްވެސް ނުވެއެވެ. ހިތްމައްޗަށް ގެންނަންވީ މާތްﷲ މުޅި ކާއިނާތު ހައްދަވައި، އެ ކާއިނާތުގައި ދިރުން ލައްވަވައި، ރޭ ދުވާ ތަކުރާރު ކުރަށްވައި، އެތައް، އެތައް ހާސް ކަމެއް ތަރުތީބު ކުރަށްވާފައި ވާކަމެވެ.

އިއީ އިމްތިހާނުގެ ވަގުތުކަން ދަނެ، ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. ނަފުސަށް ތާޒާކަން ހޯދައި، ދިންނެވުމާއި ފުއްސެވުމަށް އެދޭށެވެ. ފަހި ދިވެހި ބަހަކުން ދަންވަންޏާ، ވެހޭތާ ފެން ނަންގަވައި، ދެދުނިޔޭގެ ދަރުމައަށް އެދި އަތް އުފުލާލާށެވެ.