ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކަށް، ކުރިއަށް އޮޮތް ތިން މަސް ދުވަހު، މަހަކު 5000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކޯވިޑ19 އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދާއި ރާއްޖޭގެ އިގްތިސާދަށްވެސް އަންނަނީ ލޮޅުން އަރަމުން އަންނަ މި ދަނޑިވަޅުގައި ބައެއް އަމިއްލަ ކުންފުނިތަކުން ދަނީ، ކުންފުނިތަކުގެ ހަރަރުތައް ކުޑަކުރުމަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީިވަށް މުވައްޒަފުން ފޮނުވުމުގެ އިތުރުން ބައެއް މުވައްޒަފުންގެ މުސާރަ ކުޑަކުރަމުންނެވެ.

Ad
rt

އެއާއެކު އެފަދަ ފަރާތްތަކަށް އެހީތެރިވުމަށް، ތިން މަސް ދުވަހުގެ އެލަވެންސެއް ދޭން ކަމަށް ސަރުކާރުން ވަނީ ކުރިން އިޢުލާން ކޮށްފައެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް މިއަދު ވިދާޅުވީ މިހާރު އެފަދަ ފަރާތްތަކަށް މަހަކު 5000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި މިހާރު އަޅުގަނޑުމެން ނިންމާފައި ވާނީ މަހެއްގެ މައްޗަށް 5000 ރުފިޔާ އެގޮތަށް ތިން މަހަށް، އޭޕްރީލް، މޭ، ޖޫން އާ ހިސާބަށް ދޭން. ދެން ކުރިއަށް އޮތް ތަނުގައި ހާލަތަށް ރިއާޔަތްކޮށް، ހާލަތު ރިވިއުކޮށް، ފައިސާ ހޯދާނެ ގޮތްގޮތް ހޯދައިގެން އެކަންކަން ކުރުމަށް،"

މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީފާއިން ވަކިކުރާ ހުރިހާ މުވައްޒަފުންވެސް ޖޮބްސެންޓަރުގައި ރަޖިސްޓްރީވުމަށް ސަރުކާރުން އިލްތިމާސްކޮށްފައި ވާއިރު މިހާތަނަށް 1300 އެއްހާ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ވަޒީފާއިން ވަކިކުރި މީހުންނާއި، ނޯޕޭ ލީވަށް ފޮނުވާލި މީހުންނާއި މުސާރަ ކުޑަކުރި މީހުން ވެސް ހިމެނެއެވެ.