ކޯވިޑް-19 ގެ ސަބަބުން މާލެ ފުރަބަންދަން ގެނައުމުން ރޯދަމަހަށް މުދާ ބަލައި އައިސްތިބި ދޯނި ފަހަރަށް ކާޑުގެ ބާވަތްތައް ފޯރު ކޮށް ދިނުމަށް ރައްޔިތުންގެ މަޖިލިސްގެ ކެލާ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް (ކެލާ އިބްރޭ) ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެއްވަން ފައްޓަވައިފިއެވެ.

މެމްބަރު އިބްރާޙީމް ޝަރީފް ވަނީ ފުރަބަންދުގެ ހާލަތަށް ގެނައުމުން، މުދާ ބަލައި އައިސްތިބި އަތޮޅު ތަކުގެ ދޯނި ތަކަށް ކާޑުގެ ބާވަތްތައް ގެންދެވޭނެ ގޮތްތައް ހަނިވެ، ކަންބޮޑުވުމުގައި ތިއްބައި، އެސްޓީއޯއިން ދޯނި ތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތަށް އެހީ ތެރިކަން ފޯރު ކޮށްދީފައިއެވެ.

Ad
rt

މިގޮތުން އެސްޓީއޯއަށް އެހީތެރިވުމުގެ ގޮތުން މެމްބަރު އިބްރާޙީމް ޝަރީފްގެ އިސްނެގުމާއި، އެހީތެރިކަމުގެ ތެރެއިން ވަނީ ކާޑު އުފުލުމަށް 5 ލޮރީއާއި، އެ ލޮރީތަކުގައި މަސައްކަތް ކުރުމަށް 22 މަސައްކަތު މީހުން ހަމަޖައްސައިދީފައެވެ.

މިކަމާއި ގުޅިގެން އިބްރާޙީމް ޝަރީފް ވިދާޅުވީ މާލެ ފުރަބަންދު ކުރުމާއި ގުޅިގެން އަތޮޅު ތަކުން މާލެ އައިސްފައިވާ ދޯނި ފަހަރަށް ކާޑުގެ ބާވަތްތައް ފޯރުކޮށް ދިނުމަށް ހުރި ދަތިތަކުގެ ވާހަކަ މަޖިލިސްތެރޭ ދެއްކެވުމުން، އެކަމަށް އިސް ނަންގަވައި އެހީތެރިވުމަށް ނިންމެވީކަމަށެވެ.

" މިކަމުގައި އަޅުގަނޑާއި، އަޅުގަނޑުގެ އެކުވެރި ވިޔަފާރިވެރިންގެ އެހީތެރިކަން ހިމެނޭ، މި ދަނޑިވަޅުގައި މާލެ އައިސްތިބި ދޯނިތަކަށް ވީހާވެސް އަވަހަށް ރަށްރަށަށް ފުރޭނެ ގޮތެއް ހަމަޖައްސައިދޭން ޖެހޭ. ކުރިއަށް އޮތީ ރޯދަ މަސްކަމަށް ވެފައި، ރައްޔިތުންނާއި ހަމައަށް އެތަކެތި ފޯރުކޮށް ދިނުމަށް އެހީތެރި ވެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް" މެމްބަރު ޝަރީފް ވިދާޅުވިއެވެ.

މެމްބަރު ޝަރީފް ވަނީ މިދަނޑިވަޅުގައި ރައްޔިތުން ކެތްތެރިވުމަށާއި، ރައްޔިތުންނަށް ފުރިހަމަ ސިއްހަތަކާއި ބާއްޖަވެރިކަމަށް އެދި ވަޑައިގެންފައި އެވެ.

މެމްބަރު އިބްރާޙީމް ޝަރީފްގެ މި އިސްނެންގެވުމުން، އޭނާގެ ދާއިރާގެ އިތުރުން މިކަމުން އެތައް ދާއިރާތަކެއްގެ ރައްޔިތުންނަށް އެހީތެރިކަން ލިބިގެން ދާނެއެވެ.