ކޯވިޑް-19، ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި ފެތުރެން ފެށުމާ ގުޅިގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިރޭ ނެރުއްވި ދެންނެވުމުގައި ވިދާޅުވީ ކޯވިޑް-19، ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި ފެތުރެން ފެށުމާ ގުޅިގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުއްވާ އަމުރުތަކާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން ސިޓީ ކައުންސިލްތަކުގައްޔާއި، އަތޮޅު ކައުންސިލުތަކުގައްޔާއި، ރަށްރަށުގެ ކައުންސިލުތަކުގައި އުފައްދަވައިފައިވާ ޓާސްކް ފޯސްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ކައުންސިލްތަކުން ކަންކަން ރާއްވަވައި ހިންގެވުމަށާއި، މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޟަރޫރީ ޚިދުމަތްތައް ދިނުމަށާއި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި މިހައިތަނަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުން ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

Ad
rt

އަދި ކޯވިޑް-19، ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކޮށް ފެތުރެމުންދާތީ، ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވަމުން ދިޔުމާއެކު، ޓާސްކް ފޯސްތަކާއި، ކައުންސިލްތަކާއި، ސިޓީތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޖުޑީޝަލް ސަރވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެހެންކަމުން ކަމާބެހޭ ފަރާތްތަކުން އެދިވަޑައިގަތުމުން، މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށް އެ ދެންނެވުމުގައި ވިދާޅުވެފައިވެއެވެ.

އަދި ޤައުމަށް ކުރިމަތިވެފައިވާ މި ބޮޑު ކާރިސާއިން އަރައިގަތުމަށްޓަކައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 86 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ހިމެނެނީ 41 ދިވެހިންނާއި 45 ބިދޭސީންނެވެ.