މިހާތަނަށް އައި އިރު މޮނީޓަރިން ހާލަތުގައި ވަނީ 193 ތަނެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް އައި އިރު 193 ތަނެއް މޮނިޓަރިން ހާލަތުގައި ވާހަކަމަށެވެ.
މިއަދުވެސް 43 ތަނެއް ވަނީ މޮނީޓަރިން އަށް ގެނެވިފައި ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ހާމަ ކުރެއްވި އިތުރު މަޢުލޫމާތު
- މިހާތަނަށް 4418 ސާމްޕަލް ނެގިފައި
- 84 މީހުން ފައްސިވެފައި
- 16 މީހުން ރަނގަޅުވެފައި
- 66 އެކްޓިވް ކޭސް،
- 4072 ސާމްޕަލް ނައްސި
- 262 ސާމްޕަލްގެ ނަތީޖާ ނުލިބޭ (މީގެ ތެރޭގައި ކުރެއްދޫ 246 ސާމްޕަލް ހިމެނޭ)
- އައު 17 ކޭސް، ރޭ ނޫސްވެރިންގެ ބައްދަލުވުމުން ފެށިގެން މިއަދުގެ ބައްދަލުވުމާއި ހަމައަށް
- 1546 ސީދާ ބައްދަލުވި މީހުން
- މިއަދު 43 އިމާރާތަކާއި، ތަނެއް މޮނިޓަރިން އަށް ގެނެވިފައި، ޖުމްލަ 193 ތަނެއް މިހާރު މޮނިޓަރިންގައި
- 160 މީހުން އައިސޮލޭޝަން ފެސިލިޓީސްގައި
- 1286 މީހުން ކަރަންޓީނު ފެސިލިޓީސްތަކުގައި
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު، ޑރ. އަފްޒަލް ވިދާޅުވީ މިއަދު ފެނުނު ކޭސްތަކާއި ގުޅުން ހުރި 181 ސީދާ ބައްދަލުވި މީހުން ހޯދިފައި ވާކަމަށެވެ. މީގެ ތެރެއިން ތެރެއިން ކޭސް 76، 77 އަދި 78 އާއި ގުޅިގެން ޓްރޭސްކުރި އިރު މައި ދެ ހަބެއް ފާހަގަ ކުރެވިފައި ވާކަމަށާއި، އޭގެ ތެރެއިން އެއް ހަބްގައި 640 ސީދާ ބައްދަލުވި މީހުން ވާކަމަށް ހޯދިފައި ވާއިރު، އަދި އަނެއް ހަބްގައި 50 އަށް ވުރެ ގިނަސީދާ ބައްދަލުވި މީހުން ހިމެނޭ ކަމަށް ހޯދިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ މީގެ އިތުރުން ބޭންކް އޮފް ސިލޯންގަައި ފައްސިވި ކޭހާ ގުޅޭ 14 ސީދާ ބައްދަލުވި މީހުން ހިމެނޭ ކަމަށާއި، އަމީން ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރާކޭސް 74 އާއި ގުޅޭ 3 ސީދާ ބައްދަލުވި މީހުން ފެނުނު އިރު އޭގެ ތެރެއިން 2 މީހަކު ވަނީ ބައްޔަށް ފައްސިވެފައި ކަމަށެވެ.
ފައްސިވި އެމްއެންޑީއެފް މީހާއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދިއިރު 41 ސީދާ ބައްދަލުވި މީހުން ވަނީ ފެނިފައިވާ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!