ކުޅުދުއްފުށި ސިޓީ މިއަދު މެންދުރު 12 އިން ފެށިގެން ފުރަބަންދުކޮށް ރައްޔިތުންގެ އެއްބާރުލުމަށް އެދިއްޖެއެވެ.

ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ފެތުރުމުގެ ބިރު ކުޅުދުއްފުށި ސިޓީގައިވެސް މި ވަނީ ބޮޑުވެފައި ވާ ކަމަށެވެ.

Ad
rt

ބަލި ފެތުރުން ކޮންޓްރޯލު ކޮށް ރައްކާތެރިވުމުގެ ގޮތުން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކުގެ ދަށުން 21 އެޕްރީލް 2020 ގެ (މިއަދު) މެންދުރު 12:00 އިން ފެށިގެން 24 އެޕްރީލް 2020 ގެ 12:00 އަށް ކުޅުދުއްފުށި ސިޓީ ލޮކްޑައުންކޮށް ކާފިއު ހިންގުމަށް ވަނީ ނިންމާފައިވާ ކަމަށް އެ ޢިއުލާންގައި ބުނެފައިވެއެވެ.

" މިއީ އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުންވި ހާލަތެއް ނޫން ކަމުގައި ވާއިރު، މި ކާފިއު ތަންފީޒު ކުރުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުމަށް އެދެމެވެ. މި ވަގުތު ކޮންމެހެން ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާނެ ފާސްތައް ތައްޔާރުކުރުމާއި އަދި ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ ހުއްދަތައް ތައްޔާރު ކުރުމުގެ މަސައްކަތްކޮށް ފާސް ދޫކުރުން މިހާރުވެސް ކުރިއަށް ދާ ވާހަކަ ދެންނެވީމެވެ." ކުޅުދުއްފުށީ ކައުންސިލުން ބުނެފައި ވެއެވެ.

ފާސްތަކާ ގުޅޭގޮތުން ގުޅުމަށް އެ ކައުންސިލުން ހިއްސާކޮށްފައިވާ ފޯނު ނަމްބަރު ތަކަކީ 6523016، 6523017، 6523018، 6521531 އެވެ.

އެކައުންސިލުން ވަނީ ފުރަބަންދުގެ ހާލަތުގައި ކާބޯތަކެއްޗާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކު ފުރިހަމައަށް އެއްބާރުލުމަށްވެސް އެދިފައެވެ.

ކާބޯތަތި ހޯދުމުގައި ރޭވިގެން އޯޑަރު ދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

" ކުޅުދުއްފުށި ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތް 6527173 އަށް ގުޅުވުއްވުމުން ލިބިވަޑައިގަންނަވާނެ ކަމުގައި ދެންނެވީމެވެ. މިވަގުތު ސޯޝަލް ސަޕޯޓް ޑެސްކަށް ގިނަބަޔަކު ގުޅަމުން ގެންދާތީ ރައްޔިތުންގެ ކެތްތެރިކަމާއި އެއްބާރުލުމަށް އެދެމެވެ. ފޯނުން ނުގުޅިއްޖެ ހާލަތެއްގައި
ސޯޝަލް ސަޕޯޓް ޑެސްކުގެ ހޮޓްލައިން 9531312 އަށް ވައިބަރ ކުރެއްވުން އެދެމެވެ." ކުޅުދުއްފުށީ ކައުންސިލުން ބުނެފައި ވެއެވެ.

ފުރަބަންދުގެ ހާލަތު ތަންފީޒު ކުރެވިގެންދާއިރު ރައްޔިތުންގެ ކެތްތެރިކަމާއި އެއްބާރުލުން ދިނުމަކީ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް ކޮންމެހެން މުހިއްމު ކަމަށާއި، އަދި ސަލާމަތީ ބާރުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަކީ އެކައުންސިލްގެ ނުހަނު ބޮޑު އެދުމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން މި ނޫހަށް މަޢުލޫމާތު ދެމުން ރޭ ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތިން ދުވަހު އެ ސިޓީ އަށް ފޭބޭނީ ވަރަށް މުހިންމު ބޭނުންތަކުގައި ކަމަށާއި، ލޭ އަޅަންޖެހޭ ތެލަސީމިއާގެ މީހުންނާއި ޑަޔަލިސަސް ހަދަން ބޭނުން މީހުންނަށް، ލޮކްޑައުންގެ މުއްދަތުގައި ކުޅުދުއްފުއްޓައި އަރައި ފޭބޭނެ ކަމަށެވެ.

އިތުރަށް ލަތީފް ވިދާޅުވީ ރަށްރަށަށް ކާޑު ފޯރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށާއި، ނަމަވެސް ކުޅުދުއްފުއްޓަށް ދާ ދޯނިތަކުގައި ތިބޭ މީހުންނަށް އެ ރަށަށް ނުފޭބޭނެ ކަމަށެވެ.