ކޯވިޑް-19 އާއި ގުޅިގެން މިހާރު ބޭނުން ކުރަމުންދާ ކަރަންޓީން ފެސިލިޓީސްތަކުގެ އިތުރުން، ދެ ކަރަންޓީނު ފެސިލިޓީއެއް އަލަށް ހަމަޖައްސައިފާ ވާކަމަށް ސަރުކާރުން ބުނެފިއެވެ.

މިހާރު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ ކަރަންޓީނު ފެސިލިޓީސްގެ ގޮތުގައި އިތުރު ދެ ރިސޯޓު ހަމަޖައްސާފައިވާ ކަމަށެވެ.

Ad
rt

މިގޮތުން އަލަށް ހަމަޖެއްސި ދެ ރިސޯޓަކީ ކަނޑިންމަ މޯލްޑިވްސްއާއި، އިރުފުއްޓެވެ. ކަރަންޓީނު އިތުރު ދެ ފެސިލިޓީ ހަމަޖެހިގެން ދިޔުމާއި އެކު މިހާރު ޖުމްލަ 14 ކަަރަންޓީން ފެސިލިޓީއެއް ރާއްޖޭގައި ގާއިމްކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މިވަގުތު ކަރަންޓީން ފެސިލިޓީސްތަކުގައި 1164 މީހުން ތިބި ކަމަށާއި، އައިސޮލޭޝަން ފެސިލިޓީސްތަކުގައި 89 މީހުން ތިބި ކަމަށެވެ.

ބަލީގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަށްވަމުން މަބްރޫކް ވިދާޅުވީ މިހާތަނަށް އައިއިރު 468 ކޮންޓެކްޓެއް ހޯދައިފައިވާ ކަމަށާއި، މީގެ ތެރެއިން 200 އަށް ވުރެ ގިނަ ސާމްޕަލް ނަގާފައި ވާކަމަށެވެ. އަދި 130 އަށް ވުރެ ގިނަ ތަން ވަނީ މޮނިޓަރިންގެ ހާލަތަށް ގެންދެވިފައި ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން ޖުމްލަ 52 މީހަކަށް ކޯވިޑް-19 ޖެހިފައިވާއިރު މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 16 މީހުންނެވެ.