ތިން މީހުނާއެކު ދަތުރުކުރި ލޯންޗެއް ހާލުގައި ޖެހިފައި ވަނިކޮށް ފުލުހުން އެ މީހުން ސަލާމަތް ކޮށްފި އެވެ.
ރޭ ފުލުހުން ބުނީ 2020 އޭޕްރިލް 18 ވަނަ ދުވަހުގެ ރޭ 22:00 ހާއިރު އދ. އަރިއަދޫ އިން ދ. މީދޫ އަށް 3 މީހުއްނާއި އެކު ދަތުރު ކުރި ލޯންޗެއް ފ. ފީއަލި ކައިރިން ހާލުގައި ޖެހިގެން އުޅޭ މައުލޫމާތު ފުލުހުއްނަށް ލިބިފައިވާ ކަމަށެވެ.
އެމައުލޫމާތު ލިބުމުން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ވަނީ އެ 3 މީހުން ސަލާމަތްކޮށް، ހެޔޮ ހާލުގައި ފ. ނިލަންދޫ އަށް ގެންގޮސްދީފައި ކަމަށް ފުލުހުން ބުންޏެވެ.
ފ. ނިލަންދޫ ޕޮލިހުން އެ މީހުން ސަލާމަތް ކުރުމަށް ދިޔައިރު އެ ލޯންޗު ތެރެއަށް ފަހަތުން ލޮނުގަނޑު ވަދެ، ލޯންޗް އޮތީ އަޑިއަށް ދާން ފަށާފައެވެ. މި ލޯންޗުން ވަނީ ތެޔޮވެސް ހުސްވެފައެވެ.
2020 April 18 vana dhuvahuge rey 22:00 haairu ADh.Ariadhoo in Dh.Meedhoo ah 3 meehunnaai eku dhathuru kuri launcheh F.Feeali kairin haaluga jehigen ulhey mauloomath fuluhunnah libifaivey. #NilandhooPolice vany e' 3 meehun salaamaiykoh heyo haalugai F.Nilandhoo ah gengosdheefai. pic.twitter.com/IRS2SP6LWG
— Maldives Police (@PoliceMv) April 18, 2020
އެ ލޯންޗް ސަލާމަތް ކުރުމަށް ފ. ނިލަންދޫގައި އޮތް އެމްއެންޑީއެފް ސީ އެމްބިއުލާންސްގެ ޕަމްޕް ހިފައިގެން ދަތުރުކޮށް ލޯންޗާ ހަމައަށް ގޮސް މަސައްކަތް ކުރަނިކޮށް އެ ލޯންޗް ވަނީ އަޑިއަށް ގޮސްފައެވެ.
މި ލޯންޗުގައި ތިބީ ދެ ފިރިހެނުންނާ އަންހެނެކެވެ. މި ލޯންޗުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!