ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހދ. އަތޮޅުގައި، ހދ. އަތޮޅު ކައުންސިލުން އަޅާ ފިޔަވަޅުތައް އާންމު ކޮށްފިއެވެ.
ހދ. އަތޮޅުކައުންސިލުން، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހދ. އަތޮޅުގައި އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ އިއްޔެ (2020 އޭޕްރީލް 17 ވަނަ ދުވަހުގެ) ހަވީރު 6:00 ފެށިގެން އެކައުންސިލުން ވަކިގޮތެއް އަންގަންދެންނެވެ.
ހދ.އަތޮޅުގައި އެޅުމަށް ހދ. އަތޮޅު ކައުންސިލުން ނިންމި ފިޔަވަޅުތައް:
- ޒަރޫރީ ބޭނުމެއްގައި މެނުވީ އަތޮޅުގެ އެއް ރަށުން އަނެއްރަށަށް ދަތުރު ނުކުރުން، ދަތުރު ކުރާނަމަ އެރަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކަށް އަންގައި ހުއްދަ ހޯއްދައިގެން ދަތުރު ކުރުން.
- ޒަރޫރީ ބޭނުމެއްގައި ފިޔަވައި ކުޅުދުއްފުށްޓަށް ލަފާ، ފުރުން މަނާކުރުން، އަދި ޒަރޫރީ ބޭނުމެއްގައި ދާ ނަމަ، ދާ ފަރާތްތަކުގެ ލިސްޓް، ދާ ބޭނުން، އެރަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކް މެދުވެރިކޮށް ކުޅުދުއްފުށިގައި ގާއިމުކޮށްފައިވާ ސޯޝަލް ސަޕޯޓް ޑެސްކް (6527173) އަށް އަންގާ ހުއްދަ ހޯދުން، އެ ގޮތަށް ޢަމަލުނުކޮށް ދާ އުޅަނދު ތައް އަނބުރާ ފޮނުވައިލުން.
- ކުޅުދުއްފުށިން ކޮންމެހެން ގަންނަން ބޭނުންވާ ތަކެތި ގަތުމަށް، ދަތުރު ކުރުމުގެ ކުރިން އެތަކެތީގެ ލިސްޓް އެރަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކުން ކުޅުދުއްފުށި ސޯޝަލް ސަޕޯޓް ޑެސްކަށް އެންގުން.
- ދަތުރުކުރުން މަނާ ވެފައި ވީނަމަވެސް ފިޝަރީޒް މިނިސްޓްރީން މަސްދޯނި ފަހަރަށް މަހަށް ފުރުމަށް ހުއްދަ ދެއްވާފައި ވިޔަސް، މަސްވެރިން މަސްކިރުވުމަށް ބަނދަރުކުރާ ރަށަށް މަސްވެރިން ނުފޭބުމަކީ ލާޒިމުކަމެކެވެ. އަދި އެއުޅަނދެއް ނިސްބަތްވާ ރަށަށް މަސްދަތުރު ނިންމުމަށްފަހު ދަތުރުކުރުމަކީ ލާޒިމު ކަމެކެވެ.
- ރަށުތެރޭ ރައްޔިތުން އެއްވެ ނޫޅުން، އަދި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކޮވިޑް-19 ހޮޓްލައިން 7606688 އާއި ގުޅައިގެން އިރުޝާދު ހޯއްދެވުމަށްފަހު، ދެއްވާ އިރުޝާދާ އެއްގޮތަށް އަމަލުކުރުން.
މި ފިޔަވަޅުތައް އާންމު ކުރުމުގެ އިތުރުން އެމް.ޓީ.ސީ.ސީ އިން އެ އަތޮޅުގައި ދެއްވަމުން ގެންދަވާ އަތޮޅު ފެރީ ޚިދުމަތް މެދުކަނޑާލެވިފައިވާ ވާކަން އެ އަތޮޅުގެ ރައްޔިތުންގެ ސަމާލުކަމަށް އެ ކައުން ސިލުން ވަނީ ގެނެސްފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!