ވެރިރަށް މާލެއިން ކޯވިޑް-19 ގެ އިތުރު ކޭސްތަކެއް ފެނުމާއިއެކު، މާލެ ސިޓީގެ ލޮކްޑައުންގެ މުއްދަތަށް 14 ދުވަސް އިތުރު ކޮށްފިއެވެ.

މިހާރު ހިނގަމުން މިދަނީ މާލެ ސިޓީގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ ލޮކްޑައުން ކުރިތާ ތިން ވަނަ ދުވަހެވެ.

Ad
rt

އެޗްޕީއޭއިން މިއަދު އާންމު ކުރި އެންގުމެއްގައި ވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ
ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނު ކޮށްފައި ވާކަމަށެވެ.

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި (ށ) ގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، އެ އެންގުން އެންގި ވަގުތުން ފެށިގެން، 14 (ސާދަ) ދުވަހުގެ މުއްދަތަށް އެ ދެންނެވުމުގައިވާ ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށް އެ އެންގުމުގައި ވެއެވެ.

އެޗްޕީއޭގެ އެންގުމުގައިވާ ފިޔަވަޅުތައް

1. މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނިކުތުން
2. މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ) ގެ ޚިދުމަތް ހުއްޓައިލުން.
3، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުން.
މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުން ތިރީގައި މިވާ ފަރާތްތައް އިސްތިސްނާވާނެއެވެ.
1. ސިފައިންނާއި ފުލުހުން
2. ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
3. އެމްބިއުލަންސް.
4. ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް
5. ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ މީޑިއާތައް،
6. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުއްދަދޭ ފަރާތްތައް

މިފިޔަވަޅުތައް އެޅުމަށް އެންގި ނަމަވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެ ކަމަށްވެސް އެ އެންގުމުގައި ވެއެވެ.

އެ އެންގުމުގައިވާ ފިޔަވަޅުތައް އެޅުމަށް ވަގުތާއި ހާލަތަށް ރިޢާޔަތްކޮށްއަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޟަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށްވެސް އެ އެންގުމުގައި ވެއެވެ.

މި ފިޔަވަޅުތައް ތަންފީޛުކޮށް، މި ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި
ފަރާތްތަކަށް އަންގާ ކަމަށާއި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް އެޗްޕީއޭގެ އެންގުމުގައި ވެއެވެ.