އިއްޔެ މާލެއިން ކޯވިޑް-19 އަށް ފުރަތަމަ ފައްސިވި މީހާއާއި ގުުޅުންހުރި މާލެ ސިޓީގެ މާލެ، ހުޅުމާލެއިން 11 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މި ގެތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރާއްޖެއިން 21 ވަނައަށް ފައްސިވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހުގައި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު މި ގެތަކަށް ވަދެ ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

Ad
rt

މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާ ގެތައް:

  • ހ.ރަތްކުރެދި އާރު
  • މ.ފީރޯޒުގެ 6 ބީ
  • މ.ސޯސަންމާގެ
  • ހ.ފެނިގެއްލިދާގެ 7ވަނަ ބުރި
  • ހުޅުމާލެ ފްލެޓް، 6-2-02
  • އަމީން އެވެނިއު ޓީކް 905
  • މ.ނާގޫޝްވިލާ 2 ވަނަ ބުރި
  • މއ.އޯކިޑް
  • ހުޅުމާލެ ލޮޓް 11090

މި ގެތަކުގެ އިތުރުން މާލެއިން ކޯވިޑް-19 ފައްސިވި 21 ވަނަ މީހާއާއި ގުޅުން ހުރެގެން ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ، ނޫމަސްވާދީ، މ. ޖަރީމާގެ އަދި ސ. ހިތަދޫ ރޭ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

21 ވަނައަށް ފައްސިވި މީހާއާއި ސީދާ ދިމާވި 2 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. މީގެ ތެރޭގައި އެ މީހާގެ ތުއްތު ދަރިފުޅުވެސް ހިމެނޭކަން އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. އެޗްޕީއޭއިން ދަނީ އެ މީހާއާ ސީދާ ދިމާވި މީހުންނާއި މިކަމާ ގުޅުންހުރި އެއްވެސް މީހަކު ހުރިތޯ ބަލަމުންނެވެ.

ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 23 މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 16 މީހުން ރަނގަޅު ވެފައިވާއިރު ބަލިން ރަނގަޅު ނުވާ ފަސް މީހުންގެ ތެރެއިން ދެ މީހަކު ތިބީ އެމީހުންގެ ޤައުމުގައިއެވެ. ރާއްޖެއިން މިބައްޔަށް ފައްސިވެފައި ވަނީ 8 ދިވެހިންނާއި 15 ބިދޭސީންނެވެ.

މިބައްޔާއި ގުޅިގެން ރާއްޖޭގައި 985 މީހުން މިހާރު ކަރަންޓީން ފެސިލިޓީސްތަކުގައި އެބަތިއްބެވެ. އަދި 31 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން މިހާތަނަށް 3432 މީހުން މިބައްޔަށް ޓެސްޓު ކުރެވިފައިވެއެވެ. އޭގެ ތެރެއިން 23 މީހުން ފައްސި ވެފައިވާ އިރު ނައްސި ވެފައި ވަނީ 3139 މީހުންނެވެ. 270 މީހުންގެ ނަތީޖާ އަދި ނުލިބެއެވެ.