ކޯވިޑް19‬⁩ އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި 14 މީހަކު ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ‏މި 14 މީހުންނަކީ މިއަދު މާލެއިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުން ކަމަށެވެ.

Ad
rt

އަންހެން މީހާއާ ސީދާ ކޮންޓެކްޓްވި 11 މީހެއްގެ ސާމްޕަލް މިއަދު ވަނީ ނަގާފަ އެވެ. އެއީ އޭނާއާ އެއް ގެއެއްގައި ދިރިއުޅޭ މީހުންނެވެ. އޭގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ކަމުގެ ނަތީޖާ ލިބުނީ ހަމައެކަނި އަންހެން މީހާގެ ތުއްތު ދަރިފުޅުގެ އެވެ. އަނެއް 10 މީހުން ނެގެޓިވް އެވެ.

މާލެއިން ފެނުނު ފުރަތަމަ ކޮވިޑް-19 ކޭސްއާ ގުޅިގެން އަދިވެސް ކޮންޓެކްޓް ޓްރޭސިން ދަނީ ކުރަމުންނެވެ. ކޮވިޑް-19 އަށް މާލެއިން ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އެހެންކަމުން އޭނާއަށް ބަލި ޖެހުނު ގޮތެއް އަދި ވަނީ ނުހޯދި އެވެ.

އޭނާ ދިރިއުޅޭ ގެ އާއި އިތުރު ގެއެއް ވެސް މާލެއިން ވަނީ ލޮކްޑައުންކޮށްފަ އެވެ. އައްޑޫ ސިޓީގެ ގެއެއް ވެސް ލޮކްޑައުން ކޮށްފައިވާއިރު ކ. ކާށިދޫ ވެސް ވަނީ ކޮންޓެކްޓް ޓްރޭސިންއަށް ލޮކްޑައުންކޮށްފަ އެވެ.

މާލޭގައި މިހާރު ކޮވިޑް-19 ބަލި ފެތުރެނީ ކަމަށް ބަލައި ރެޑް އެލާޓަށް ވަނީ މާލެ ގެނެސްފަ އެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު މާލެއަށް އަރާ ފޭބުމާއި މާލޭގައި މީހުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.