ކޮވިޑް-19 އާއި ގުޅިގެން ފުރަމާލެ 24 ގަޑިއިރަށް ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ނިންމުމާއި ގުޅިގެން، އެންއީއޯސީގެ ލަފާގެ މަތީން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން ވެމްކޯއިން ދެމުންދާ ޚިދުމަތްތައް މެދު ކަނޑާލައިފިއެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް އެދި ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން ފުރަމާލެ 24 ގަޑިއިރަށް ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އިއުލާނާއި ގުޅިގެން އެޗްޕީއޭ އަދި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ލަފާގެ މަތިން މިކަމުގައި ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން، އެ ކުންފުނިން ފުރަމާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ އެންމެހައި ޚިދުމަތްތައް އެ އެޗްޕީއޭގެ އިއުލާންގައިވާ ލޮކްޑައުން މުއްދަތުގައި ވަގުތީ ގޮތުން މެދުކަނޑާލުމަށް އަންގާފައިވާތީ އެ ކުންފުނިންދޭ ޚިދުމަތްތައް މެދުކަނޑާލެވިފައިވާ ވާހަކަ އެންމެހައި ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.
ޚިދުމަތްތައް ހުއްޓާލެވިފައިވާ މިދަނޑިވަޅުގައި، ގޭބިސީތަކުންނާއި ވިޔަފާރިތަކުން އުފެދޭ ކުނި މަދުކުރުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށާއި، އަދި އުފެދޭ ކުނި އެންމެ އެކަށީގެންވާ ގޮތުގައި (ދެކޮތަޅަށްލުމަށްފަހު) ރަނގަޅަށް ބަންދުކުރުމަށް ވެމްކޯއިން
އިލްތިމާސްކުރަށްވައެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ ހާލަތަށް ރިޢާޔަތްކޮށް، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު އެ ކުންފުނީގެ މެދުކެނޑިފައިވާ ޚިދުމަތްތަކަށް
އަންނަ ބަދަލުތައް ކަސްޓަމަރުންނާއި ހިއްސާކުރެވެމުންދާނޭ ވާހަކަ ދަންނަވާ ކަމަށެވެ. މިގެނެވުނު ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް
ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށްވެސް ވެމްކޯއިން ބުންޏެވެ.
މާލޭގެ ފްލޫ ކްލިނިކަކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން މާލެ ސިޓީ މިހާރު ވަނީ 24 ގަޑިއިރަށް ލޮކް ޑައުން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!