އދ. މަހިބަދޫ ބަނދަރުގައި ހުރި އުޅަނދުތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރި ވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އދ. މަހިބަދޫ ބަނދަރުގައި ހުރި އުޅަނދުތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ ޓީމު ހަރަކާތްތެރި ވާން ފަށާފައިވާ ކަމަށެވެ.

Ad
rt

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ ފަތިހު 5:45 ގައި ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މިހާދިސާ ހިނގި ސަރަޙައްދުގައި މަހިބަދޫ ޕޮލިސްޓޭޝަނުންވެސް މިހާރު ހަރަކާތްތެރި ވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް އިން މީޑިއާއާއި ހިއްސާ ކުރަށްވާފައިވާ ހާދިސާގެ ފޮޓޯތަކަކުން ފެންނަ ގޮތުގައި އެމްއެންޑީއެފްގެ ފަޔަރ ޓީމު އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށް ގެންދަވާއިރު ރޯވި އުޅަނދުތަކުގެ ތެރެއިން ފެންނަން ހުރި ބައެއް އުޅަނދުތައް ހުރީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

އެމްއެންޑީއެފްއިން ބުނީ މިހާތަނަށް ރޯވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވަނީ ދެ ޑިންގީގައާއި، 5 ލޯންޗުގައި ކަމަށެވެ. އޭގެ ތެރޭގައި ޕޮލިސް ލޯންޗާއި، އަތޮޅު ކައުންސިލް ލޯންޗާއި، ސީ އެމްބިއުލާންސާއި އަދި އެޗްއެމްއެޗްއައި1 އަދި 2 ހިމެނޭކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މަހިބަދޫގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާން މިއަދު ހެނދުނު 8:05 ގައި ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.