ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ރާއްޖެއިން ބޯފެނަށް ޖެހިގެން ރާއްޖެތެރޭގެ ގިނަ ރަށްރަށުން އެހީތެރިކަމަށް އެދޭއިރު މިއަހަރުގެ މިހާތަނަށް 48 ރަށަކުން ބޯފެނަށް ޖެހިގެން އެހީތެރިކަމަށް އެދިފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ރާއްޖޭގެ ބައެއް ނޫސްތަކަށް މަޢުލޫމާތު ހިއްސާ ކުރަމުން ބެނެފައިވަނީ 15 އަތޮޅެއްގެ 48 ރަށަކުން ފެނަށް ޖެހިގެން އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

Ad
rt

އެމިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ އެ ރަށްތަކަށް ފެން ފޯރުކޮށް ދެމުން ގެންދާ ކަމަށާއި މިހާތަނަށް 15،00 ޓަނުގެ ފެން ފޯރުކޮށްދީފައިވާ ކަމަށެވެ. އެއީ އެހީތެރިކަމަށް އެދުނު ރަށްތަކުގެ ތެރެއިން 30 ރަށަކަށެވެ. އެހެން ރަށްތަކަށްވެސް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖެތެރޭގެ ގިނަ ރަށްރަށުގައި ބޯން ބޭނުން ކުރަނީ ވާރޭފެނެވެ. ކޮންމެ އަހަރެއްގެ ހޫނު މޫސުމާއި ދިމާކޮށް ފެނަށް ޖެހޭ ރަށެއްގެ ކައުންސިލަރަކު ބުނީ ކޮންމެ އަހަރަކުވެސް ބޯފެނަށް ޖެހިގެން ސިޓީ ފޮނުވުމުން ފެން ފޯރުކޮށްދޭކަމަށެވެ. ފެން ފޯރުކޮށްދިނުން ލަސްވާ ފަހަރުތަކުގައި ރައްޔިތުން ބޯން ބޭނުން ކުރަނީ މިސްކިތު ވަޅުން ނަގާ ފެންކަމުގައި ބުނެފައިވެއެވެ.

އެއިނާ އިތުރަށް ފާހަގަ ކުރި ގޮތުގައި ކޮންމެ އަހަރެއްގައި ވެސް ބޯފެން ހުސްވުމުން އެކަމުގެ ޝަކުވާ ކުރުމުން ދާއިމީ ހައްލެއް ހޯދައިދޭނެކަމަށް ބުނާކަމަށާއި ވިއްސާރަ ވެހި ތާންގީތަށް ފުރާލުމާއިއެކު ދާއިމީ ހައްލެއް ހޯދުމުގެ ވާހަކަ އޮބި، އަނެއްކާވެސް ޖެހިގެން އަންނަ އަހަރުވެސް އެކަންކަން ތަކުރާރުވަމުން އަންނަތާ 10 ވަރަކަށް އަހަރު ވެފައިވާކަމަށް ބުނެފައި ވެއެވެ.

ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ރާއްޖެއިން ފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ތިމާވެއްޓާބެހޭ މިނިސްޓްރީން ބަލަހައްޓާ ގޮތަށް ރައީސް އޮފީހުން ހަމަޖައްސާފައިވަނީ 2017 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. އޭގެ ކުރިން އެ މަސައްކަތް ކުރަމުން އައީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުންނެވެ.

ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދަނީ ފެނަކަ ކޯޕަރޭޝަނާ ގުޅިގެން ކަމަށާއި ފެނަށް ޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކޮށް އެމަސައްކަތް ކުރިއަށް ދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮންމެ އަހަރަކު ވެސް އަހަރުގެ ކުރީކޮޅުން ފެށިގެން އޭޕްރީލް މަހާއި ހަމައަށް ރާއްޖޭގެ ގިނަ ރަށްތަކެއް ފެނަށް ޖެހުން އިހުސާސް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. ބައެއް އަހަރުތަކުގައި 80 އަށް ވުރެ ގިނަ ރަށްރަށުން ބޯފެނަށް ޖެހިގެން އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.

މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.