އިންޑިއާއިން ފާސްކޮށްފައިވާ ނަސްލީ ތަފާތުކުރުމުގެ ރަށްވެހިކަމުގެ ގާނޫނާއި، އެފަދަ ސިޔާސަތުތައް އުވާލުމަށް ގޮވާލައި ހިއުމަން ރައިޓްސް ވޮޗުން 82 ސަފްހާގެ ރިޕޯޓެއް ނެރެފިއެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ، އިންޑިއާއިން ފާސްކޮށްފައިވާ ރަށްވެހިކަމުގެ ގާނޫނުގެ ސަބަބުން އިންޑިއާގެ އާބަދީގައި ހިމެނޭ އެތައް މިލިއަން މުސްލިމުންގެ ހައްގުތައް ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

Ad
rt

މި ގާނޫނުގެ ދަށުން، މުޅި އިންޑިއާގައި ރައްޔިތުންގެ ދަފްތަރެއް އެކުލަވާލައި، ގަވާއިދާ ޚިލާފަށްއުޅޭ "ހިޖުރަވެރިން" ބޭރުކޮށްލުމަށް ރާވާފައިވާ ރޭވުމުގެ ސަބަބުން އިންޑިއާގެ އެތައް މިލިއަން ރައްޔިތުންގެ ރަށްވެހިކަން ގެއްލިދިއުމުގެ ބިރު އެބައޮތް ކަމަށް އެރިޕޯޓުގައި ބުނެފައި ވެއެވެ.

ހިއުމަން ރައިޓްސް ވޮޗުގެ ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ މުސްލިމުންނަކީ، އިންޑިއާގެ ދެވަނައަށް އެންމެ އާބާދީބޮޑު ދީނުގެ މީހުންނަށް ވާއިރު، މުސްލިމުންގެ އިތުރުން، ބައިމަދު އެހެން ދަރިކޮޅުތަކުގެ މީހުންގެ މެދުގައިވެސް، ރަށްވެހިކަމުގެ ގާނޫނުގެ ސަބަބުން ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެ ރިޕޯޓުގައި ވަނީ އިންޑިއާ ސަރުކާރުގެ ހޯމް މިނިސްޓަރާއި، ވެރިކަންކުރާ ބީޖޭޕީގެ އެކިއެކި ލީޑަރުން ދެއްވާފައިވާ އިންޒާރުތަކަށް ފާހަގަކޮށްފައެވެ. އެގޮތުން ސަރުކާރުން ފާސްކޮށްފައިވާ ގާނޫނުގެ ސަބަބުން އެތައް ގަރުނެއް ކުރީއްސުރެ އިންޑިއާގައި ދިރިއުޅެމުންދިޔަ މީހުންގެ އާއިލާތަކުގެ މެމްބަރުންގެ ރަށްވެހިކަންވެސް ނިގުޅައިގަނެވިގެންދާނެ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ޤާނޫނު ހެދުމުން އެ ޤާނޫނާއި ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ މީހުންނަށް ސަރުކާރުގެ ސަޕޯޓަރުން ހަމަލާދީ މީހުން މަރައި، ތަޅައި ތަންތަން ރޯކޮށް އަނިޔާކުރަމުންދިޔައިރު، އެކަން ހުއްޓުވަން ފުލުހުންނާއި، އޮފިޝަލުން ނުކުޅެދިފައިވާކަން ހިއުމަން ރައިޓްސް ވޮޗުގެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

އެ މުޒާހަރާތަކުގެ ބައިވެރިންނަށް، ބީޖޭޕީގެ ސަޕޯޓަރުން ހަމަލާ ދިނުމުގެ ސަބަބުން އެތައްބަޔަކު މަރުވެ، އެތައްބަޔަކަށް ބޮޑެތި އަނިޔާތައްވެ، މުސްލިމުންގެ ގެދޮރާއި، ވިޔަފާރިތަކާއި މިސްކިތްތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތައްވެސް ދީފައި ވެއެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނު، އދއާއި ދުނިޔޭގެ ވަރަށް ގިނަ ގައުމުން ކުށްވެރިކޮށް، އެ ގާނޫނަކީ ވަކި ދީނެއްގެ ބަޔަކު ތަފާތުކުރާ ގާނޫނެއް ކަމަށް ބުނެފައިވާކަން ހިއުމަން ރައިޓްސް ވޮޗުން އިންޑިއާ ސަރުކާރަށް ހަނދާން ކޮށްދީފައި ވެއެވެ. އެހެންކަމުން، އެ ގާނޫނު ވަގުތުން އުވާލުމަށް އިންޑިއާ ސަރުކާރަށް ގޮވާލާފައި ވެއެވެ.

ވޮކްސް ނިއުސްގައި ބުނެފައިވާ ފާއިތުވި ދިހަވަރަކަށް ދުވަހުވެސް މި މުޒާހަރާތަކުގައި 20 މީހުން މަރުވެ، 1500 އަށް ވުރެ ގިނަ މީހުންވަނީ އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ރަށްވެހިކަން ދިނުމުގައި އެމީހެއްގެ ދީނަށް ބަލަން ކަނޑައަޅައި، އިންޑިއާގައި މި ޤާނޫނު ފާސްކުރީ 2019 ވަނަ އަހަރު ވެރިކަންކުރާ ބީޖޭޕީއަށް އަޣުލަބިއްޔަތު ލިބިފައިވާ ޕާލަމެންޓުންނެވެ.