ކީރިތި ޤުރުއާން ކިޔެވުމާއި ކިޔަވާއަޑު އެހުމަކީ ވަރަށްބޮޑު ސަވާބު ހުރިކަމެކެވެ. ވަކިން ޚާޢްޞަކޮށް ޤުރުއާން ހިތުދަސްކޮށް އެއާއި އެއްގޮތަށް އުޅުމަކީ ދުނިޔެއާއި އާޚިރަތްދުވަހު ތިމާއަށް އޭގެ ސަބަބުން ދިންނެވުން ލިބޭނެކަމެކެވެ. ފަހެ ޤުރުއާން އޭގެ އަހްލުވެރިންނަށް ޤިޔާމަތްދުވަހު، ޝަފާޢަތްތެރިވާނޭކަމުގައި، ކީރިތި ރަސޫލާ ޙަދީސް ކުރައްވާފައިވެއެވެ.

ތިރީގައިއެވަނީ ޤުރުއާން ހިތުދަސްކުރަން މަސައްކަތްކުރާ މީހުންނަށް އެހީތެރިވެދޭނެކަމަށް، ޢިލްމުވެރިން އިރުޝާދުދެއްވާފައިވާ ކަންކަމެވެ.

Ad
rt

1. ކިޔަންފަސޭހަ މުޞްޙަފަކުން ޤުރުއާން ކިޔެވުމުން ދަސްކުރަން ބޮޑަށް ފަސޭހަވާނެއެވެ. އެގޮތުން ކުދިކުދި އަކުރުތަކަށްވުރެ، ހެޔޮވަރުގެ ބޮޑެތިއަކުރު ހުންނަ މުޞްޙަފެއް އިޚުތިޔާރުކުރުން ރަގަޅެވެ. އަނެއްކަމަކީ އަބަދުވެސް އެއް މުޞްޙަފެއް ގެންގުޅޭށެވެ. ސްކޫލުގައި ނުވަތަ އޮފީހުގައި ނުވަތަ ގޭގައި އަދި މިސްކިތުގައި ކިޔެވިޔަސް އެއްމުޞްޙަފަކުން ނުވަތަ އެއްވައްތަރެއްގެ މުޞްޙަފަކުން ކިޔާށެވެ. އޭރަށް އާޔަތްތަކާއި ލަފްޒުތައް ހުންނަ ތަރުތީބު ލޮލުން ސިކުނޑިއަށް އެއްގޮތަކަށް ނެގިފައިހުރުމުން ހިތުންދަސްކުރާއިރު ފަސޭހަވާނެއެވެ.

2. ހެޔޮވަރެއްގެ މުޞްޙަފެއް ގިނަވަގުތު ގެންގުޅެން އުދަނގޫނަމަ ފޮތްފޮތް ވަކިވަކިން ހުންނަ މުޞްޙަފެއް ހޯދާށެވެ. އާއްމުކޮށް ޤުރުއާނުގެ ތިރީސް ފޮތް (ޖުޒުއު) ވަކިން ނުވަތަ ފަސްފޮތުން ފަސްފޮތުން ވެސް ހުރެއެވެ. މިގޮތަށް ފޮތްފޮތް ވަކިވަކިން ގެންގުޅުމުން ދަސްކުރާއިރު އަވަހަށް ފޮތްއެއްކޮށް ދަސްކޮށްލަން ލިބޭ ބާރަކަށްވާނެއެވެ. އެއީ ފޮތުގައި މަދު ގަނޑުތަކެއް ހުރުމުން ހިތަށް އެއީ މާއުނދަގޫކަމެކޭ ހީވުންކުޑަވާނެތީއެވެ.

3. ޤުރުއާން ހިތުދަސްކުރާމީހަކު ލަސްލަހުން ކިޔައި ދަސްކުރުން ވަރަށް ރަނގަޅެވެ. އާޔަތްތައް ހުންނަ ތަރުތީބާއި ލަފުޒު ތަރުތީބު ހިތަށް ނަގައިގަނެވޭނީ އޭރުންނެވެ. އަވަސްއަރުވާލައިގެން ކިޔުމުން ހިތަށް ނަގައިގަނެވޭނީ ކުޑަކޮށެވެ.

4. ދަސްކުރުމަށްފަހު އަމިއްލަ ހިތުން ކިއުމަށްވުރެ، ދަސްކޮށްފައި އެހެން މީހަކަށް ކިޔައިދީގެން ރަނގަޅުތޯ ބެލުން ވަރަށް މުހިއްމެވެ.މިސާލަކަށް ގޭގެ ކޮންމެވެސް މީހަކު ނުވަތަ ގާތް ރަޙުމަތްތެރިއެއް މިކަމަށް ބޭނުންކުރެވިދާނެއެވެ.ނުބައިކޮށް ކިޔެވިއްޖެނަމަ އޭރަށް މީހަކު ރަނގަޅު ކޮށްދޭނެއެވެ. މީހަކު އެއްފަހަރު ކުށް ރަނގަޅުކޮށްދިނުމުން އަނެއްފަހަރު ހަނދާންކުރަން ފަސޭހަވާނެއެވެ.

5. ދަސްކުރަމުން ދާއިރު އެއްގޮތް ތަންތަންކޮޅަށް ވަކިން އިތުރު ސަމާލުކަމެއްދޭށެވެ.

6. ތަންކޮޅެއް ދަސްކުރެވުނީމާ، ނަމާދުގައި ނުވަތަ ސުއްނަތްނަމާދުތަކުގައި އެތަން ކިޔާށެވެ.

7. ދަސްކުރާ ބައި ގަނޑެއްގައި ނުވަތަ ވައިޓްބޯޑެއްގައި ލިޔާށެވެ.

8. ދަސްކުރަމުން ނުވަތަ ކިޔައިދެމުން ދާއިރު ކުށްޖެހޭ ތަންތަންކޮޅު ގަނޑެއްގައި ނޯޓުކުރާށެވެ.

9. ޖަމާޢަތުގައި ނަމާދު ކުރާށެވެ. އޭރުން ފާޅުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމުމީހާ ކިޔަވާ އަޑުއިވުމުން، ކުރިއަށް އޮންނަ އާޔަތް ހިތައް އަންނާނެއެވެ. އަދި ކެސެޓުން ނުވަތަ އެނޫންވެސް އެއްޗަކުން ގިނަގިނައިން ޤުރުއާން އަޑުއަހާށެވެ.

10. ރަނގަޅު ނިޔަތެއްގައި ޤުރުއާން ކިޔަވައި ދަސްކުރާށެވެ. މީހުން ލައްވާ ތިމަންނައަކީ ޤުރުއާން ދަސްމީހެކޭ ބުނުވަން ނުވަތަ ދުނިޔޭގެ ފައިދާއަކަށް ޚާއްޞަކޮށްގެން ދަސްނުކުރާށެވެ. އެގޮތަށް ދަސްކުރުމަކީ ވަރަށްބޮޑު ފާފައެކެވެ.

11. ވަގުތުތައް ބަހާލައިގެން ދަސްކުރާށެވެ. މިކަމަށް ފަސޭހަ ގަޑިތަކެއް ކަނޑައަޅާށެވެ. އަދި ކޮންމެދުވަހަކުވެސް ނުވަތަ ދަސްކުރަން އިށީންނަ ކޮންމެ ފަހަރަކުވެސް ދަސްކުރާނެ ވަކިވަރެއް، ކަނޑައަޅާށެވެ.

12. ދަސްކުރާތަން ރަނގަޅަށް ފަރިތަވީމައި ނޫނީ އެހެންތަނެއް ދަސްކުރަން ނުފަށާށެވެ. އެހެންނޫނީ ދަސްކުރި އެއްވެސް އެއްޗެއް ރަނގަޅަކަށް ދަސްވެފައެއް ނުހުންނާނެއެވެ. އަދި އޮޅުން ބޮޅުން އަރާގޮތްވާނެއެވެ.

ނޯޓު: މިއީ ކަވާސާގައި އިސްމާއިލް ނާޖީ ލިއުއްވާފައިވާ ލިޔުމެއްގެ ނަކަލެކެވެ.