ރާއްޖެގައި ކޮވިޑް-19 އާއި ގުޅިގެން ނުކުންނަމުންދާ ނަތީޖާއަށް ބަލާއިރު ހޭލާތިބެން ޖެހޭކަން ފެންނަން އޮތްކަމަށާއި، މި ބައްޔާއި މެދު ސީރިއަސްކަން ކުޑަ ނުކުރުމަށާއި ލުއިކޮށް ނުނެގުމަށް ކޮވިޑް-19 ޓާސްކް ފޯހުގެ އައިޖީއެމްއެޗް ގެ ޑަކްޓަރު، ޑރ. މޫސާ މުރާދު އިލްތިމާސް ކުރަށްވައިފިއެވެ.
ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. މުރާދު ފިލިޕީންސުން ރާއްޖެއައި ދިވެއްސެއް ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ޑަބަލް ޓެސްޓް ކުރުމުން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާތީ، ފާހަގަ ކުރެވެމުންދާ ކަމަކީ އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަން ހުރިކަން ކަމަށެވެ.
މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުގައި އެހާ ބޮޑު ލުއިތަކެއް ގެނެވެން ނެތީ މިނަތީޖާތައް މިހެން އަންނަމުން ދާތީ ކަމަށާއި، އަޅުގަނޑުމެން މިކަމަށް ވަރަށް ހޭލާ ތިބުމަށް ޑރ. މުރާދު ރޭ ވިދާޅުވިއެވެ.
އަޅުގަނޑުމެން ލުއިކޮށް ނުދެކުމަށާއި، ސީރިއަސްކަން ކުޑަ ނުކުރުމަށްވެސް ޑރ. މުރާދު އިލްތިމާސް ކުރެއްވިއެވެ.
" އަޅުގަނޑު އިލްތިމާސް ކުރަނީ އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް މަތީގައި، ޚާއްސަކޮށް ސާފުތާހިރު ވުމުގެ ގޮތުން އަތް ދޮވުމާއި، އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން މިކަމުން އަލިމަގެއް ފެންނަންދެން ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅުތައް ކުރިއަށް ގެންދިޔުމަށް" ޑރ. ވިދާޅުވިއެވެ.
ފަރުވާއެއް ހޯދިފައިވާ ނުވާ ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަަނށް 20 މީހަކު ޕޮޒިޓިވްވެ 14 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ބަލިން ރަނގަޅު ނުވެ ތިބީ ހަތަރު ދިވެހިންނާއި ރާއްޖެ އިން ދިޔަ ފަހުން ލިބުނު ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!