1441 ވަނަ އަހަރުގެ ރަމަޟާންމަހު ހއ. ހޯރަފުށީގެ މިސްކިތްތަކުގައި އިމާމްވެ ޙިފްޠުކޮށް ތަރާވީޙް ނަމާދު ކުރާނެ ދިވެހި 03 ޙާފިޡުން ހޯދަން ބޭނުންވެގެން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ.
އިއްޔެ އެކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވަނީ ޙިފްޠުކޮށް ތަރާވީޙް ނަމާދު ކުރަން ވަޑައިގަންނަވާ ބޭފުޅުންނަށް އެއިދާރާގެ ފަރާތުން ހަމަޖައްސަވާނެ ކަންތައްތަކާއި ޚަރަދުތަކުގެ ތަފްޞީލް ބަޔާންކޮށްފައެވެ.
އެގޮތުން ޙާފިޡުންގެ ދަތުރު ޚަރަދާއި ފަރިއްކޮޅާއި ހުރުމުގެ ޚަރަދު އަދި ތަރާވީޙް ނަމާދުކުރާ ކޮންމެ ރެއަކަށް 400 (ހަތަރު ސަތޭކަ) ރުފިޔާ ހަމަޖެހޭނެކަމަށްވަނީ ބުނެފައެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޙާފިޡުކަމުގެ ސަނަދާއި، ލިބިފައިވާ ތަޖުރިބާ ލިޔުންތަކާއި ވަނަވަރު އަދި މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ ހޯރަފުށީ ކައުންސިލަށް ހުށަހެޅުއްވުން އެދޭކަމަށް ބުނެފައިވެއެވެ.
މެއިލްކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން info@horafushicouncil.gov.mv އަށް މެއިލްކޮށް ދެއްވުން
އެދޭކަމަށް ބުނެފައިވާއިރު މިކަމަށް 03 ފަރާތަށް ވުރެ ގިނަ ފަރާތުން އެދޭނަމަ، އިމާމްވެ ޙިފްޠުކޮށް ތަރާވީޙް ނަމާދު ކުރާނެ ފަރާތެއް ހޮވާނީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ތަޖުރިބާ ލިޔުންތަކަށް ބަލައި އެންމެ މަތިން މާކްސް ލިބޭ 03 ފަރާތެއްކަމަށް ބުނެފައިވެއެވެ.
މިކަމުގައި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ އެއިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަލްއުސްތާޛް މުޙައްމަދު ޢަޒްމީން (ފޯން ނަންބަރު: 7793060) އާއި ގުޅުއްވުމަށް އެކައުންސިލުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!