ކުރެއްދޫގައި ތިބި އެންމެން ރިސޯޓުން ބޭރުވުމުގެ ހުއްދަދޭނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު ކަމަށް ސަރުކާރުން ބުނެފި އެވެ.
ކޮވިޑް-19 ޓާސްކް ފޯހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކުކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކުރެއްދޫ ކޭސްގެ މައްސަލައާ ގުޅިގެން މިހާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައި ވަނީ އެ ރިސޯޓުން މީހުން ފޭބުމުގެ ކުރިން އެންމެން ވެސް ކޮވިޑް19 އަށް ޓެސްޓް ކުރަން ކަމަށެވެ.
"މިއަދަށް ދުވަސް ހަމަވާއިރުގައި މިކަމުގައި ކަންކުރާނެ ގޮތަކީ ކޮބާތޯ ޓެގުން ނިންމަން ޖެހެނީ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެހެން އެއްވެސް ރަށަކާއި ކުރެއްދޫގެ ކޭސް ތަފާތުކަން. އެއީ ކުރެއްދޫއަކީ އިމްޕޯޓް ކޭސްއަކުން ލޯކަލް ޓާރްންސްމިޝަން ހިނގާފައި އޮތް ރަށަކަށްވާތީ،"
ޓެގުން މިހާރު ނިންމާފައިވާ ގޮތުގައި ކުރެއްދޫގައި ތިބި އެންމެން ކޮވިޑް-19އަށް ޓެސްޓްކުރުމަށް ފަހު ދޫކޮށްލަން ނިންމިއިރު އެންމެ ފުރަތަމަ އެރަށުން މީހުން ފޭބުމުގެ ހުއްދަ ދިނީ 28 ދުވަސް ފަހުންނެވެ. އެކަމަކު ފަހުން ވަނީ އެރަށުން ފޭބޭނީ އިތުރު 14 ދުވަސް ފަހުން ކަމަށް ކަނޑައަޅާފަ އެވެ. މިއަދު އެ މުއްދަތު ހަމަވިއިރު ރަށުން ފޭބުމާއި ގުޅިގެން އެޗްޕީއޭއިން ވަކި އެއްޗެއް ބުނެފައި ނުވާތީ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު ގައުމަށް އެނބުރި ދިޔަ ފަތުރުވެރިއެކެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެމީހާ ބެލި ޑޮކްޓަރު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
އޮރެންޖް އެލާޓްގައި އޮތް އެ ރިސޯޓުން މިހާތަނަށް ވަނީ ފަސް މީހަކު ވަނީ ޕޮޒިޓިވްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!