ކޮވިޑް-19 އާއި ގުޅިހެން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މާލެސިޓީއާއި، ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުން އަނެއްކާވެސް ދައްމާލައިފިއެވެ.
މިފަހަރު މާލެސިޓީގެ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓުތަކާއި އަދި ސަރުކާރުން މިހާލަތުގައި އަރާފޭބުން މަނާކުރާ ކޮންމެ ރަށެއް ހިމެނޭހެން ޖަމާއަތުގައި ނަމާދު ނުކުރުން އިތުރުކުރީ މިހިނގާ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ އަޞުރުނަމާދުގެ ނިޔަލަށެވެ.
މިނިންމުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އާންމު ކުރި ސަރކިއުލާއެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 18 މާރޗް 2020 ވާ ބުދަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ސަރުކާރުން އަރާ ފޭބުން މަނާކުރާ ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް
މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތް އޮތުން، 18 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ އެގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވާކަމަށެވެ.
އިތުރަށް އެސަރކިއުލާގައި ބުނެފައިވަނީ ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފިނަމަ (ލޮކްޑައުން ކޮށްފިނަމަ، އެރަށެއްގައިވެސް
އެޙާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ދަންނަވާކަމަށެވެ.
މިދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރާކަމަށްވެސް އެސަރކިއުލާގައި ބުނެފައިވެއެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ނިންމާފައިވާ އެ ނިންމުން އިސްލާމިކް މިނިސްޓްރީން އަންނަނީ މިދިޔަ މަހުގެ 18 އިން ފެށިގެން ހަފުތާއަކުން ހަފުތާއަކަށް އިތުރު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!