ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ޤައުމުތަކުގައި ބޭނުންކުރާ އެންޓި މެލޭރިއާ ޑްރަގް އިންޑިއާއިން ފޮނުވާ ޤައުމުތަކުގެ ލިސްޓް ރާއްޖެ ހިމެނިއްޖެއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އަދި ސެކެއްޓަރީ ދަމޫ ރާވީ އިއްޔެ އެޤައުމުގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އެންޓި މެލޭރިއަލް ޑްރަގް ވަރަށް ގިނަ ގައުމުތަކަކުން ހޯދަން އެދިފައިވާ ކަމަށާއި، އެ ބޭހުގެ ޑިމާންޑް ބޮޑުވެފައިވާކަމަށެވެ.
މިގޮތުން އެ ބޭސް އެކި ގައުމުތަކަށް ބަހަން ނިންމީ އިންޑިއާގައި އެ ބޭސް ބޭނުންވާނެ މިން ވަރު ބަލާފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ. އަދި އެ ނިންމުން ނިންމީ އިންޑިއާގެ މިނިސްޓަރުންގެ ގުރޫޕެއްގެ އަގުލަބިއްޔަތަކުން އެކަމަށް ރުހުން ލިބުމުން ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
އެންޓި މެލޭރިއާ ޑްރަގް ފޮނުވުމަށް އިންޑިއާއިން ހަމަޖެއްސި 13 ޤައުމު
- ދިވެހިރާއްޖެ
- ޖަރުމަނުވިލާތް
- އެމެރިކާ
- ސްްޕެއިން
- ބަހްރެއިން
- ބްރެޒިލް
- ނޭޕާލް
- ބޫޓާން
- އަފްގާނިސްތާން
- ބަންގްލަދޭޝް
- ސީޝެލްސް
- މޮރިޝަސް
- ޑޮމިނިކަން ރިޕަބްލިކް
މީގެ ތެރެއިން ބައެއް ގައުމުތަކަށް އެންޓި މެލޭރިއަލް ބޭސް ފޮނުވަން އިންޑިއާއިން މިހާރު ވަނީ ފަށައިފަ އެވެ.
އިންޑިއާއިން ރާއްޖެއަށް ފޮނުވުމަށް ހަމަޖެހިފައި ވަނީ ދެ ލައްކަ ޓެބްލެޓްސް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!