ކައުންސިލް އިންތިހާބު ބޭއްވެން ދެން މިހާރު ތިބި ހުރިހާ ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ވަގުތީ ޤާނޫނެއްގެ ބިލެއް ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލުގެ ފުރަމަ ކިއުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
ގާނޫނު އަސާސީ އިސްލާހު ނުކޮށް އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ދެމިގެންދާނެ ގޮތަކަށް އަމަލު ކުރާނެ އުސޫލުތައް ހިމަނައި ހަސަން ލަތީފު ހުށަހެޅުއްވި، ކައުންސިލް އިންތިހާބު ފަސްކުރުމުގެ ވަގުތީ ގާނޫނުގެ ބިލުގައި ބުނެފައި ވަނީ މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ނިމި ކައުންސިލް އިންތިހާބު ބޭއްވެން ދެން މިހާރު ތިބި ހުރިހާ ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.
ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެނަމަ އެ ހާލަތުގައި އަމަލު ކުރާނެ ގޮތް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާން ކޮށްފައި ނެތް ކަމަށާއި، އެހެންކަމުން ކައުންސިލުތައް ގާނޫނީ ހުސް ކަމަކަށް ގޮސްދާނެތީ އެކަމަށް ހައްލު ހޯދުމަކީ އެ ބިލުގެ ބޭނުންކަމަށް އެބިލުގައި ބުނެފައިވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަސަން ލަތީފު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން އިއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ މި މައްސަލާގައި ގާނޫނީ ބޭފުޅުންގެ ވިސްނުން އޮތް ގޮތް ސާފުވެފައިވާ ކަމަށާއި މެންބަރުންނާއިވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މަޖިލިސްގެ އެންމެ ފަހު ޖަލްސާގައި ސަރުކާރުން ހުށަހެޅުއްވި އިންތިހާބު ފަސް ކުރުމާ ގުޅޭ ވަގުތީ ގާނޫނެއްގެ ބިލުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުންގެ ވިސްނުމަކީ ގާނޫނު އަސާސީ އިސްލާހު ކުރުން މި ވަގުތަށް ރަނގަޅު ނުވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ، މި މައްސަލަގާއި ގޮތެއް ނިންމުމުގެ ބާރު އޮތީ މަޖިލީހުގެ މެންބަރުންނަށް ކަމަށެވެ.
އެބިލުގެ ފުރަތަމަ ކިޔުން އިއްވެވުމަށްފަހު އިތުރު މަސައްކަތެއް ނެތުމުން މަޖިލިސް މިއަދަށްވަނީ ނިންމާލާފައެވެ.
ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވަގުތީ ގާނޫނެއްގެ ބިލެއް ހަސަން ލަތީފު މަޖިލިސްއަށް ހުށަހެޅުއްވިއިރު އިންތިހާބު ފަސް ކުރުމާ ގުޅޭ ވަގުތީ ގާނޫނެއްގެ ބިލެއް ސަރުކާރުގެ ފަރާާތުން ވަނީ ފޮނުވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!