ކޮވިޑް-19 ގެ މި އުނދަގޫ ވަގުތުގައި ސިއްހީ ހިދުމަތް ތެރީން ކުރަށްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެފަރާތްތަކަށް ޝުކުރު ދަންނަވައިފި އެވެ.

ސިއްހީ ހިދުމަތްތެރިންނަށް ރައީސް ޝުކުރު އަދާކުރައްވާފައި ވަނީ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގަ އެވެ.

Ad
rt

އެ ޓުވީޓުގައި ރައީސް ވިދާޅުވީ ސިއްހަތު ދުވަސް އަޅުގަނޑުމެންނާއި މިބައްދަލުކުރީ މި ޖީލުގެ އެންމެ ބޮޑު ސިއްހީ ކާރިސާގެ ވަގުތުގައި ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިއްހީ ހިދުމަތްތެރީންގެ ހިތްވަރު ގަދަކަމާއި ހިދުމަތްތެރިކަން މި މުހިންމު ހާލަތުގައި އަޅުގަނޑުމެންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެންނަމުން އަންނަ ކަމަށެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހެން ހިދުމަތްތެރީން ކުރަމުން އަންނަ އެ މަސައްކަތް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ޓުވީޓުގައިވަނީ ވަރަށް އަވަހަށް ކޮވިޑް-19 އިން މުޅި ދުނިޔެ ސަލާމަތްވޭތޯ ދުއާކުރަށްވާ ކަމަށް ވިދާޅުވެފައެވެ.

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 1,347,844 އަށް އަރާފައެވެ. އަދި މިބަލީގައި މިހާތަނަށް 74,792 މީހުން ވަނީ މަރުވެފައެވެ.