ކޮވިޑް-19 ގެ ބަނަކަން ވަށައިގެން ވެރިވި ހިނދު އެންމެ ފިކުރު ބޮޑުވެ ދައްކަންފެށި އެއްވާހަކައަކީ، އެއް ސިނާއަތަކަށް ބަރޯސާވެވިގެން ތިބުމުން ތަޖުރިބާ ކުރަން ޖެހުނު ހިތްދަތި ކަމުގެ ވާހަކައެވެ. ރަންބިސްއަޅާ ކުކުޅާއި ހަމައިން، ޤައުމީ ލޭ ނާރުކަމަށްވާ މަސްވެރިކަމާއި، ދަނޑުބިންތަކުން ހޯދޭނެ ނަފާވެރިކަން މަތިން ޣާފިލް ވެވުމުން ލިބުނު މޮޅިވެރިކަމުގެ ވާހަކައެވެ.

މިވާހަކައިގެ ތެރެއިން ހދ. ނޮޅިވަރަން ފަރަށް ވަޑައިގެން އެރަށުގެ ދަނޑިބިންތައް ބަލާލައި، ކުޑަނަމަވެސް ފިނިކަމެއް ހޯދަމާ ބަހީއެވެ. ނޮޅިވަރަންފަރުގެ ރައްޔިތުން އަމިއްލަ މަސައްކަތުން ކޮޅަށްޖަހާފައިވާ ދަނޑުވެރިކަމަކީ، މިވަގުތު އައު ޖޯޝަކާއިއެކު ބިން ހުރި އެހެން ރަށްތަކުންވެސް އަލުން ފަށާންޖެހިފައި އޮތް ނުހަނު ބޭނުންތެރި މަސައްކަތެކެވެ.

Ad
rt
ނޮޅިވަރަންފަރު މިރުސް ދަނޑެއް

ނޮޅިވަރަންފަރުގެ ރައްޔިތުން ދަނޑުހައްދާތާ ޒަމާންތަކެއް ވެއްޖެއެވެ. އެރަށުގެ ކައުންސިލްގެ ނައިބުރައީސް އަހުމަދު ވަހީދު ވިދާޅުވީ އެރަށުގައި މިހާރު މިއޮތް ފޯރީގައި ދަނޑު ހައްދަން ފެށުނީ ކައުންސިލުން އެރަށުގެ ކޮންމެ ގޭ ބިސީއަކަށް ފަސްހާސް އަކަފޫޓުގެ ބިމެއް އަގެއްނެތި ދޫކުރަން 2017 ވަނަ އަހަރު ނިންމި ނިންމުމާއި ހަމައިން ކަމަށެވެ.

ނޮޅިވަރަންފަރުން ދަނޑުހެއްދުމަށް ބިން ދޫކޮށްފައިވާ ސަރަހައްދު

2017 ވަނަ އަހަރު ކައުންސިލުން ހުޅުވާލި އެ ފުރުސަތުގެ ބޭނުން ހިފައި އެރަށުގައި މިހާރު 90 އަށް ވުރެ ގިނަ ދަނޑުބިމުގައި ވަނީ އެކި ބާވަތްތަކުގެ ތަރުކާރީއާއި މޭވާ ހައްދާފައެވެ. އަމިއްލަ ފަރާތްތަކުންވެސް ބޮޑެތި ބިންތަށް ކުއްޔަށް ނަގައިގެން ދަނޑުވެރިކަން ކުރާ ނޮޅިވަރަންފަރުން ދަނޑުބިން ކުއްޔަށް ބޭނުންވާ ފަރާތްތަކަށް މިހާރުވެސް އެ ފުރުޞަތު އޮތްކަމަށް ކައުންސިލް ނައިބުރައީސް އަހުމަދު ވަހީދު ވިދާޅުވިއެވެ.

އެރަށުގެ ދަނޑުތަކުގައި އާންމުކޮށް ހައްދަނީ ކިއުކަންބާއާއި، ކޮޕީ ފަތާއި، ކަރާ، ބަރަބޯ އަދި މިރުހުގެ ބާވަތްތަކެވެ. މީގެ އިތުރުންވެސް އެކި ބާވަތްތައް އެރަށުގެ ދަނޑުތަކުގައި ހައްދައެވެ. ކައުންސިލް ނައިބުރައީސް ވިދާޅުވީ މިވަގުތަކީ މިހާރު ހައްދާ ބާވަތްތަކުގެ އިތުރުން ގޮވާމާއި، ފަލަމަޑީގެ ބާވަތްތަށް ހެއްދުމަށް މިސްރާބު ހިފަންވީ ވަގުތުކަމަށެވެ.

ނޮޅިވަރަންފަރު ކަރާ ދަނޑެއް

ނޮޅިވަރަން ފަރުގައި އެރަށުގެ އަމިއްލަ ފަރާތަކުން ބިޔަ މިރުސް ދަނޑެއްވެސް ވަނީ ހައްދާފައެވެ. އެރަށުގެ ކޮންމެ ގޭބިސީއަކަށް އަގެއްނެތި ފަސްހާސް އަކަފޫޓުގެ ބިން ކައުންސިލުން ދޫކުރާއިރު، އެމަސައްކަތް ކުރަން ބެނުންވާނަމަ ކުޑަ އަގެއްގައި އިތުރު ބިން ހޯދުމުގެ ފުރުޞަތުވެސް އެރަށުގައި ވަނީ ހުޅުވާލައިފައެވެ.

ހުސް ގޯތިތައްވެސް ދަނޑުވެރިކަމަށް ބޭނުންކުރޭ

ނޮޅިވަރަންފަރުގެ ދަނޑުވެރިން މައިގަނޑު ގޮތެއްގައި ނަފާ ހޯދަމުންއައީ ކުޅުދުއްފުށީ ހޮނިހިރު ބާޒާރަށް ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކައިގެންނެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެ ދޮރު ވަގުތީ ގޮތުން ބަންދުވެފައި ވިޔަސް، އެމަސައްކަތަކީ މި ޤައުމަށް ނުހަނު ބޭނުންތެރި މަސައްކަތެއް ކަމުގައި ވާތީ ނޮޅިވަރަންފަރު ދަނޑުވެރިން ތިބީ ދޫކުރާ ގޮތަކަށް ނޫނެވެ.

ބިމުގެ ބޮޑުމިނުގައި 171.2 ހެކްޓަރު ހުންނަ ހދ. ނޮޅިވަރަންފަރަކީ މިހާ ދަނޑުވެރި ރަށެއްކަން ކުރިން ނޭނގި އޮވެދާނެއެވެ. ކޮވިޑް-19 އާއި ގުޅިގެން މިހާރު ގިނަ ރަށްތަކަކުން ދަނޑިބިންދޫކުރަން ޢިއުލާން ކުރަމުންދާއިރު، ނޮޅިވަރަންފަރު ރައްޔިތުންތިބީ ދަނޑުތައް ހައްދައިގެން ދަނޑުތަކުން ތާޒާ މޭވާއާއި ތަރުކާރީ ބިންނާށެވެ.