އެމެރިކާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގައ،ި ކުރިއަށްއޮތް ހަފްތާތެރޭގައި އެމެރިކާއިން ވަރަށްގިނަ ބަޔަކު މަރުވާނޭ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެހެން ވިދާޅުވެ، އިންޒާރު ކުރެއްވީ ވައިޓްހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޓްރަމްޕް ވިދާޅުވީ މި ހިނގާ ހަފްތާއާއި ކުރިއަށްއޮތް ހަފްތާއާ ދެމެދުގެ މުއްދަތަކީ އެމެރިކާއަށް ވަރަށް ގޮންޖެހުންބޮޑު، ވަރުގަދަ ދުވަސްތަކަށް ވެގެން ދާނެ ކަމަށެވެ. ވަރަށް ގިނަބަޔަކު މަރުވާނެކަމަށްވެސް ހިތާމައާއި އެކު ދަންނަވާ ކަމަށްވެސް އެނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، ބަލީގެ ހާލަތު އެންމެބޮޑު ސްޓޭޓްތަކަށް ސިފައިންނާއި، އަސްކަރީ މެޑިކަލް ސްޓާފުން ނެރުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އެމެރިކާގައި ބަލިޖެހުނު މީހުންގެ އަދަދު މިހާރުވަނީ 333,173 އަށް އަރާފައެވެ. އަދި އިއްޔެގެ ނިޔަލަށް 9,536 މީހުން ވަނީ އެ ޤައުމުން މަރުވެފައިވެފައެވެ.

އިއްޔެ އެކަނިވެސް އެ ޤައުމުން 1084 މީހުން މަރުވެ 21،816 މީހުންނަށް އަލަށް މިބަލި ޖެހުނެވެ. އިއްޔެ އެކަނިވެސް އެ ޤައުމުގެ ނިޔުޔޯކު ސިޓީގެ 7،256 މީހުންނަށް މިބަލި ޖެހިފައިވެއެވެ.

އެމެރިކާއަކީ މިހާރު ދުނިޔޭން އެންމެ ހަލުވި މިނެއްގައި މިބަލި ފެތުރޭ ޤައުމެވެ. އަދި އެ ޤައުމަކީ މިހާތަނަށް ކޮވިޑް-19 ބަލިޖެހިފައިވާ އެންމެ ގިނަމީހުން ތިބި ގައުމުވެސް މެއެވެ.

ދުނިޔޭގެ 208 ޤައުމަކަށާއި، ސަރަޙައްދަކަށް ފެތުރިފައިވާ މިބަލި މުޅިދުނިޔޭން މިހާތަނަށް 1,266,782 ވަނީ ޖެހިފައެވެ. އަދި މިބަލީގައި، 69,177 މީހުން ވަނީ މަރުވެފައެވެ.