ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެގައުމަށް ގެންދިޔުމުގައި ބަންގްލަދޭސްގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދު އެގޮތަށް އެދި ވަޑައިގަތީ، ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އޭކޭ އަބްދުލް މޮމެން އާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފޯނުން ގުޅުއްވައި މިއަދު ދެއްކެވި ވާހަކައިގައެވެ.

Ad
rt

ދެވަޒީރުން ކުރެއްވި މަޝްވަރާގައި، ކޮވިޑް-19 ރާއްޖޭގައި ފެތުރިއްޖެ ހާލަތެއްގައި ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރައްވައި، ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެގައުމަށް ގެންދިޔުމުގައި ބަންގްލަދޭސްގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގަތެވެ.

މި މަޝްވަރާގައި މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 ފެތުރުމުގެ ކުރިންވެސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ވިދާޅުވި ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު އެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް އެއްވެސް ސަރުކާރަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ އެވެ. އަދި އޭގެ ތެރެއިން 63،000 އަށް ވުރެ ގިނަ ބިދޭސީންނަކީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި އިތުރުވެފައިވާ ބިދޭސީ އާބަދީގެ ސަބަބުން ޤައުމަށްވަނީ ބޮޑެތި އިޖުތިމާއީ ގޮންޖެހުންތަކަކާއި ކުރިމަތިވެފައެވެ.