ކޮވިޑް19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ބޭރު ގައުމުތަކުން ރާއްޖެ އަންނަ އެންމެން ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަސް ވަންދެން ބޭތިއްބުމަށް އެޗްޕީއޭ އިންވަނީ ނިންމާފައެވެ. އެގޮތުން ފަން އައިލެންޑް ރިސޯޓުގައި ތިބި 49 މީހުންގެ ޓެސްޓުގެ ނަތީޖާތައް ނެގެޓިވް ވުމުން މިއަދު ވަނީ ހޯމް އައިސޮލޭށަނަށް ދޫކޮށްލައިފައެވެ.

އެޗްޕީއޭއިން ވިދާޅުވީ، ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ފަން އައިލެންޑް ރިސޯޓްގައި ތިބި އެ 49 މީހުން ވެސް ވަނީ 14 ދުވަސް ފުރިހަމަ ކޮށްފައެވެ.

Ad
rt

އެޗްޕީއޭ އިން ދާދި ފަހުން ނިންމާފައި ވަނީ ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުން ދޫކުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށެވެ. އެގޮތުން ކަރަންޓީންގެ 14 ދުވަސް ހަމަވިޔަސް އެ މީހުން ގެ އަށް ދޫކޮށްލާނީ ނަތީޖާ ނެގެޓިވް ވެ ، ހުން އަދި ރޯގާގެ އަލާމާތެއް ހުރިތޯ ބެލުމަށް ފަހުގައެވެ. ކަރަންޓީންގެ 14 ދުވަސް ގުނަން ފަށަނީ އެ މީހަކު ކަރަންޓީން ފެސިލިޓީ އަކަށް ގެންދާ ދުވަހުގެ ފަހު ދުވަހުން ފެށިގެންނެވެ.މިއަދާ ހަމައަށް ވެސް ކަރަންޓީން ފެސިލިޓީތަކުގައި 881 މީހަކު އެބަހުއްޓެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި މިހާރު ތިބި ގިނަ މީހުންނަކީ ރާއްޖެ އިން ބޭރުން އައި ދިވެހިންނެވެ. އެކި ގައުމުތަކުން އައި އެ މީހުން ކަރަންޓީން ކުރީ ކޮރޯނާވައިރަސް އާއްމުންގެ ތެރެއަށް ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުންނެވެ.

މި ވައިރަސް ހުރި 19 މީހަކު ރާއްޖޭން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައި ވާއިރު ހަތަރު ދިވެއްސަކަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ. އެހަތަރު ދިވެހީންނަކީ އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިިލިޓީތަކުގައި ބައިތިއްބާފައި ވަނިކޮށް، ބަލީގެ އަލާމާތްތައް ފެނުމުން ކުރި ޓެސްޓުން ޕޮޒިޓިވް މީހުންނެވެ. ރާއްޖޭން ދެން މި ބަލި ޖެހުނު އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ.