އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތް ފޯރުކޮށްދެވޭ ގޮތް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ހަމަޖައްސައި ދީފިއެވެ.

މިގޮތަށް ހަމަޖައްސައި ދެއްވީ 2020 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad
rt

އެކަމާއި ގުޅިގެން މިއަދު އެ ޑިޕާޓުމަންޓުން ކުރި ޢިއުލާނެއްގައި ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް ވަނީ މެދުކަޑާލެވިފަކަމަށެވެ.

މިގޮތުން، އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބިފައިވާތީ، އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތް ފޯރުކޮށްދޭންވާނެ ކަމަށް އެ ޢިއުލާނުގައި ބުނެފައިވެއެވެ. އަދި މިގޮތަށް އަމަލު ކުރަމުން ގެންދާނީ 2020 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް އެ ޢިއުލާނުގައި ބުނެފައި ވެއެވެ.