ފިޔާ، ބިސް، އަލުވި، މުގު އަދި ޓެކްސީގެ އަގު ކޮންޓްރޯލު ކުރާ ބީދައިން ކުލިވެސް ކޮންޓްރޯލު ކުރެވެން އެބަޖެހޭކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅު ވެއްޖެއެވެ.
އަލީ ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި އިތުރަށް ބުނެފައިވަނީ ހަމަގައިމުވެސް ބޭންކު ލޯނު ދައްކާ ނިމިފައި ހުރި ބިލްޑިންގްތައްވެސް މަދެއް ނޫންކަމަށެވެ.
ޑިމާންޑް އެންޑް ސަޕްލައި ގެ އުސޫލު ތަކަށްވުރެ ރައްޔިތުންގެ އަސާސީ ބޭނުންތައް މާ މުހިންމު.
އަލީ ޙުސައިން ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.
ފިޔާ، ބިސް، އަލުވި، މުގު އަދި ޓެކްސީގެ އަގު ކޮންޓްރޯލު ކުރާ ބީދައިން ކުލިވެސް ކޮންޓްރޯލު ކުރެެވެން އެބަޖެހޭ. ހަމަގައިމުވެސް ބޭންކު ލޯނު ދައްކާ ނިމިފައި ހުރި ބިލްޑިންގްތައްވެސް މަދެއް ނޫން. ޑިމާންޑް އެންޑް ސަޕްލައި ގެ އުސޫލު ތަކަށްވުރެ ރައްޔިތުންގެ އަސާސީ ބޭނުންތައް މާ މުހިންމު.
— Ali Hussain (@AleeVoice) April 4, 2020
އަލީ ހުސައިން މިހެން ބުނެފައިވާއިރު އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ މިވަގުތު އިގްތިސޯދީ ހާލަތު ހުރި ގޮތަށް ރިއާޔަތްކޮށް، ބާޒާރުގައި ވިއްކާ ފިޔާ، އަލުވި، ރީނދޫ މުގު އަދި ބިހުގެ އަގު ކޮންޓްރޯލް ކޮށް، އެބާވަތްތައް އެންމެ ބޮޑުކޮށް ވިއްކޭނެ އަގުތައް ކަނޑައަޅައި، ޢިއުލާން ކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިހިނގާ އޭޕްރިލް މަހުގެ 6 އިން ފެށިގެން މީހުން ދިރިއުޅޭ ރަށެއްގައި ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާ ކަމަށެވެ. ރީނދޫ މުގު ކިލޯއެއް އެންމެ ބޮޑުކޮށް ވިއްކޭނީ 45 ރުފިޔާ އަށެވެ. އަދި ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ކަމަށެވެ.
ބާޒާރުގައި ވިއްކާ ބައެއް ބާވަތްތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައެޅި ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް ވިއްކާ ނަމަ ބޮޑު ޢަދަދަކުން ޖޫރި މަނާ ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ކޮވިޑް19 އާއި ގުޅިގެން ބޭންކް ލޯނުތައްދެއްކުންވެސް ސަރުކާރުން ވަނީ ފަސްކޮށްދީފައެވެ. ނަމަވެސް މީގެ ސަބަބުން މާލޭގެ ބޮޑު ކުލީގައި ދިރިއުޅޭ ރައްޔިތުންނަށް އެކަށީގެންވާ ލުޔެއް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!