ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކުން ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އިޙުތިރާމުކުރުމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިައދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ މިހާރު ދުނިޔޭއާއި ރާއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާގުޅިގެން ގިނަ ރިޒޯޓުތަކުގެ އޮޕަރޭޝަން ހުއްޓާލުމަށް ނިންމުމުން، ޤާނޫނާއި ޚިލާފަށް ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމާއި، މުސާރަ ނުލިބޭގޮތަށް ޗުއްޓީ ނެގުމަށް މަޖުބޫރުކުރަމުންދާކަމުގެ ޝަކުވާތައް އެ މިނިސްޓްރީއަށް ލިބެމުންދާކަމަށެވެ.

Ad
rt

މީގެ އިތުރުން، ރިޒޯޓުތަކުގައި ވަޒީފާއަދާކުރާ ރާއްޖެއިން ބޭރުގެ މުވައްޒަފުން، އެމީހުންގެ ފްލައިޓް
ކޮންފަރމް ނުވަނީސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންދާކަމުގެ ޝަކުވާވެސް ލިބެމުންދާކަން ފާހަގަކުރެވޭ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީގެ ނޫސްބަޔާނުގައި ވެއެވެ.

އެ މިނިސްޓްރީގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައި ވަނީ ބައިނަލްއަޤްވާމީ ކާރިސާއެއް ތަޖުރިބާކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކުން ވެސް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އިޙުތިރާމުކުރެއްވުމަށް މިމިނިސްޓްރީން އަންގާކަމަށެވެ.

" ހަމައެހެންމެ، ކޮންފަރމް ފްލައިޓެއް ނެތި އެއްވެސް ބޭރު މުވައްޒަފަކު ނުވަތަ ފަތުރުވެރިއަކުވިޔަސް ވެލާނާ
އިންޓަރނޭޝަނަލް އެއަރޕޯޓަށް ނުފޮނުއްވުމަށް ދެންނެވީމެވެ. އަދި މިދެންނެވުމާ ޚިލާފަށް އަމަލުކުރައްވާ ފަރާތްތަކަށް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެކަމަށް ވެސް ދެންނެވީމެވެ." އެބަޔާނުގައި ވެއެވެ.

ނޫސްބަޔާން ނިންމާލަމުން އެ މިނިސްޓްރީ ބުނެފައި ވަނީ މިފުރުޞަތުގައި ޤާނޫނާއި ޤަވާޢިދުތަކުގެ މަތީގައި ދެމިތިބެ ނަމޫނާ ދައްކަވަމުންގެންދަވާ އެންމެހައި ފަރާތްތަކަށް ޝުކުރުދަންނާކަމަށެވެ. އަދި މިހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރާއި އިންޑަސްޓްރީ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދާނެކަމަށެވެ.

ކޮވިޑް-19 ފެތުރުމުގެ ސަބަބުން ޓޫރިޒަމަށް ވަރަށް ބޮޑަށް ވަނީ އަސަރު ކޮށްފަ އެވެ. އެހެންވެ މިހާތަނަށް 11،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އެކި ރިސޯޓްތަކުން ނޯޕޭ ލީވް ދީފައިވާ ކަމުގެ މައުލޫމާތު ލިބެ އެވެ. މިއީ ބައެއް ރިސޯޓްތަކުން މުވައްޒަފުން ލައްވައި މަޖުބޫރު ކުރުވައިގެން ކުރަމުން އަންނަ ކަމެއް ކަމަށް ވެސް ބައެއް މުވައްޒަފުން ބުނެ އެވެ.

އުތުރުގެ ހއ. އަތޮޅުގައި ހިންގަމުން އަންނަ ހައިޑަވޭ ބީޗް ރިސޯޓުގެ 390 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރިކަން އަންގަމުންދާކަމަށް އެރިސޯޓުގެ ބައެއް މުވައްޒަފުން އިއްޔެ ވަނީ ބުނެފައެވެ.