ބާޒާރުގައި ވިއްކާ ބައެއް ބާވަތްތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައެޅި ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް ވިއްކާ ނަމަ ބޮޑު ޢަދަދަކުން ޖޫރި މަނާ ކުރަން ސަރުކާރުން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މިވަގުތު އިގްތިސޯދީ ހާލަތު ހުރި ގޮތަށް ރިއާޔަތްކޮށް، ބާޒާރުގައި ވިއްކާ ފިޔާ، އަލުވި، ރީނދޫ މުގު އަދި ބިހުގެ އަގު ކޮންޓްރޯލް ކޮށް، އެބާވަތްތައް އެންމެ ބޮޑުކޮށް ވިއްކޭނެ އަގުތައް ކަނޑައަޅައި، ޢިއުލާން ކޮށްފައެވެ.

Ad
rt

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިހިނގާ އޭޕްރިލް މަހުގެ 6 އިން ފެށިގެން މީހުން ދިރިއުޅޭ ރަށެއްގައި ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާ ކަމަށެވެ. ރީނދޫ މުގު ކިލޯއެއް އެންމެ ބޮޑުކޮށް ވިއްކޭނީ 45 ރުފިޔާ އަށެވެ. އަދި ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި އަގުތައް ހަފުތާއަކު އެއްފަހަރު މުރާޖައާ ކުރާނެ ކަމަށެވެ.

އެ އަގަށް ވުރެ ބޮޑުކޮށް އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް ވިއްކައިފި ނަމަ، އެ އެންގުމާއި ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް ގިނަވެގެން 100،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް އެންމެ ގިނަވެގެން 100،000 ރުފިޔާއިން ޖޫރިމަނާކޮށް، އަދި ހަ މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.