ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކުން ބޭނުންކުރާ ބޭސް ރާއްޖެ އިން ލިބެން ނެތް ނަމަ އެ ބޭސް އެސްޓީއޯގެ ހެންވޭރު ފާމަސީން ގެނެސްދޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިހާރު އޮތް ހާލަތާއެކު ދާއިމީ ބަލިތަކަށް ބޭސް ފަރުވާ މީހުން ބޭނުންކުރާ ބޭހުގެ ތެރެއިން ރާއްޖެއިން ނުލިބޭ ބޭސް އެސްޓީއޯން ގެނެސްދޭނެ ކަމަށެވެ.
"ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތައް، ރާއްޖެއިން ނުލިބޭ ބޭސް ބޭނުންކުރާ މީހުންގެ ކަންކަން މިހާރު ހަމަަޖައްސައި ދޭނީ އެސްޓީއޯގެ ފާމަސީން. އެސްޓީއޯ ހެންވޭރު ފާމަސީއަށް ދާން ޖެހޭނީ، ޕްރެސްކްރިޕްޝަން ހިފައިގެން. ބޭސް ސިޓީ ހިފައިގެން ދިއުމުން އެ އިންތިޒާމް ރާވައިދޭނެ. އެއީ އާސަންދަ ކަވަރުކުރާ ނުވަތަ އެންސްޕާއިން ކުރާ ކަމަށްވަނީ ވިއްޔާ އާސަންދަ ނުވަތަ އެންސްޕާއިން އެ ލިޔުން ހޯދުމުން އެކަން ކޮށްދޭނެ،" މަބުރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މިދިޔަ މަހުގެ 16 ވަނަ ދުވަހު ސަރުކާރުން ވަނީ ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތައް އަލުން ޑޮކްޓަރަށް ނުދެއްކި ނަމަވެސް ކުރީގެ ބޭސް ސިޓީއަށް ބޭސް ލިބޭނެ އިންތިޒާމު އާސަންދަ ހިދުމަތްދޭ ހުރިހާ މަރުކަޒަކުން ހަމަޖައްސައިފައެވެ. އަދި އޭގެ ފަހުން ސަރުކާރުން ވަނީ އެސްޓީއޯ އަދި އޭޑީކޭގެ ފާމަސީތަކުން ބޭސް ލިބޭނެ ގޮތް ހަމަޖައްސައިދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!