ހދ. ކުރިނބީ ކައުންސިލުންވެސް ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތައް ދެނެގަނެ، އެހީތެރިވުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތައް ދެނެގަތުމަށް ކުރިނބީ ކައުންސިލުން ތައްތާރުކޮށްފައިވާ އޮންލައިން ފޯމު މިހާރުވަނީ އެކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް ފުރޭނޭ އިންތިޒާމް ހަމަޖައްސައިފައެވެ.

Ad
rt

އެކަމާއި ގުޅިގެން އެ ކައުންސިލްގެ ވެބްސައިޓްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ އަދާކުރާ ގިނަ ފަރާތްތަކެއްގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމާއި، މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ނޯޕޭ ލީވް ނަގަން މަޖުބޫރު ކުރުވުމާއި، ބައެއް ފަރާތްތަކުން ވަޒީފާއިން ވަކިކުރާކަމުގެ މައުލޫމާތު ލިބެމުންދާތީ ކުރިނބީގެ ރައްޔިތުންނާއި، ކުރިނބީގައި ދިރިއުޅޭ އާއިލާތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން 1 މާރޗް 2020 އިން ފެށިގެން އެއްވެސް ފަރާތެއްގެ ވަޒީފާގެ ހާލަތައް ބަދަލު އައިސްފައިވާނަމަ އެފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، ކަމާއި ގުޅުންހުރި އިދާރާތަކަށް ހުށަހަޅައިގެން ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެ ކައުންސިލުން ނިންމާފައި ވާކަމަށެވެ.

އިއްޔެ ކުޅުދުއްފުށީ ކައުންސިލުންވެސްވަނީ ކުޅުދުއްފުށީގެ ރަށްވެހިންނާއި ކުޅުދުއްފުށީގައި ދިރިއުޅޭ އާއިލާތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައި ވާނަމަ އެފަރާތްތަކަށް އެހީތެެރިވުމުގެ މަސައްކަތް ފަށައިފައެވެ.