ކުޅުދުއްފުށީގެ ރަށްވެހިންނާއި ކުޅުދުއްފުށީގައި ދިރިއުޅޭ އާއިލާތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައި ވާނަމަ ކުޅުދުއްފުށީ ކައުންސިލުން އެހީތެރިވުމުގެ މަސައްކަތް ފަށައިފިއެވެ.

އެކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ، ކުޅުދުއްފުށީގެ ރަށްވެހިންނާއި ކުޅުދުއްފުށީގައި ދިރިއުޅޭ އާއިލާތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން 01 މާރިޗު 2020 އިން ފެށިގެން އެއްވެސް ފަރާތެއްގެ ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާނަމަ އެފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، ކަމާއި ގުޅުންހުރި އިދާރާތަކަށް ހުށައަޅައިގެން ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެ ކައުންސިލްއިން ނިންމާފައިވާކަމަށެވެ.

Ad
rt

އެފަދަ ހާލަތެއް ދިމާވެފައިވާ ފަރާތްތަކުން، އެފަރާތްތަކުގެ މަޢުލޫމާތު އެ ކައުންސިލްއިން ޤާއިމްކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ހިއްސާ ކޮށްދެއްވުން އެ ކައުންސިލުން ވަނީ އެދިފައިއެވެ. އަދި އެ ފޯމު އެކައުންސިލް ވެބްސައިޓުން ލިބޭނޭ އިންތިޒާމުވަނީ ހަމަޖައްސައިފައެވެ.

ފޯމު މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރަން އުނދަގޫ ފަރާތްތަކުން އެ ކައުންސިލްގެ ހޮޓްލައިން 9531312 އަށް ފުރިހަމަ ނަން، އައިޑީ ކާޑް ނަމްބަރު އަދި ގުޅޭނެ ނަންބަރާއެކު މެސެޖް ނުވަތަ ވައިބަރ ކުރުމުން ގުޅައިގެން ފޯމު ފުރައިދިނުމުގެ އިންތިޒާމްވެސް އެ ކައުންސިލުން ވަނީ ހަމަޖައްސައި ދީފައިއެވެ.